ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ ޢައްޔަންކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ ޢައްޔަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 މެއި 2023 12:55
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ދ. މީދޫ، ބިއްލޫރިވިލާ ޞަފާ ޝަފީޤު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޞަފާ ޝަފީޤު މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާކުރައްވައި، ތަޅުމަށް ފޮނުއްވި ދެ ނަމަށްވެސް ވަނީ ވޯޓަށް އަހާފައެވެ. އެއީ ޞަފާ ޝަފީޤާއި، ޝިހާމް މުޙައްމަދު ވަޙީދުގެ ނަމެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޞަފާ ޝަފީޤް ޢައްޔަންކުރައްވަން ފާސްވީ 40 މެންބަރުންގެ ވޯޓުންނެވެ. ޝިހާމް މުޙައްމަދު ވަޙީދު އައްޔަންކުރެއްވުމަށް 7 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޞަފާ ޝަފީޤަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޞަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބެވީ، އެކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާ އާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ އަމްޖަދު ވަޙީދާއި، ޢަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.