ދުނިޔޭގެ ތާރީޚުގައި ކުރިން ފެނިފައި ނުވާ، އާ ވައްތަރެއްގެ ވައިރަހަކުން ޖެހޭ، ނިއުމޯނިއާއަށް ޝައްކު ކުރެވޭ ކޭސްތަކެއް ޗައިނާގެ ވޫހާންއިން ފެނުނުތާ 1221 ދުވަސްފަހު، ކޯވިޑް19 ކާރިސާއަށް ނިމުން އަތުވެއްޖެކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯވިޑް19ގެ ކާރިސާގެ ހާލަތަށް ނިމުން އައިކަން އިއުލާން ކުރައްވާފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭސަސްއެވެ.
ދުނިޔެއިން، ކޯވިޑް19 ޖައްސާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ، 2019ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންއިންނެވެ. އޭރު ޝައްކު ކުރެވުނީ އެއީ ގޮތް ނޭގޭ ނިއުމޯނިއާގެ ވައްތަރެއް ކަމުގައެވެ.
އެހެންނަމަވެސް ޑަބްލިއުއެޗްއޯގެ އެމަރޖެންސީ ކޮމިޓީން ބައްދަލު ކުރުމަށްފަހު، 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު، ބައިނަލްއަގުވާމީ ހެލްތު ރެގިއުލޭޝަންތަކާއި އެއްގޮތްވާ ގޮތުގެމަތިން، ދުނިޔޭގެ ސިއްހަތުގެ ހާލަތު އެމަރޖެންސީ ހާލަތަކަށް އައިކަން ސިއްޙަތު ޖަމިއްޔާއިން އިއުލާން ކުރިއެވެ.
އޭރު ޗައިނާއިން ބޭރުން ރަސްމީކޮށް ރިޕޯޓު ކޮށްފައިވަނީ ކޯވިޑް19ގެ 100 އަށްވުރެ މަދު ކޭސްތަކެކެވެ. އަދި އެބަލިގައި އޭރު އެއްވެސް މީހަކު މަރުވިކަން ރިޕޯޓު ކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، ކޯވިޑް19 އެހާތަނުން މުޅި ދުނިޔެއަށް ފެތުރި، ޖެހިގެން އައި 3 އަހަރު ތެރޭ ދުނިޔެއިން މިބަލީގައި 7 މިލިއަން މީހުން މަރުވެފައި ވެއެވެ. މިއީ ދުނިޔޭގެ ގައުމުތަކުން މިބަލީގައި މަރުވިކަމަށް އެގައުމުތަކުން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ރިޕޯޓު ކޮށްފައިވާ އަދަދެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާ ގޮތުގައި މި ބަލީގައި ފާއިތުވެދިޔަ މުއްދަތުގައި ދުނިޔެއިން މަރުވެފައިވާ މީހުންގެ އަދަދު 20 މިލިއަން މީހުންނާއި ގާތް ކުރާނެއެވެ.
ދުނިޔެއިން ފަހުގެ ޒަމާނެއްގައި ފެނުނު އެންމެ ނުރައްހާތެރި އެއް ބަލީގެ ގޮތުގައި ފާހަގަވެގެންދިޔަ މިބަލީގެ ކާރިސާގެ ހާލަތަށް ނިމުން އައިކަން އިއުލާން ކުރަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ މިބައްޔަކީ ސިއްޙީ ކާރިސާއަކަށްވި ނަމަވެސް މި ބަލީގެ ގެއްލުން ދުނިޔެ އެއަށްވުރެވެސް ފުޅާކޮށް ތަޖުރިބާ ކޮށްފައިވާ ކަމުގައެވެ. އެއީ ދުނިޔޭގެ އިގްތިސާދަށާއި، އިންސާނުންގެ ދިރިއުޅުމަށް ހުރިހާ ގޮތަކުންވެސް ކޮށްފައިވާ ގެއްލުމުގެ ބޮޑުކަމުގެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ، ކޯވިޑް19 ބަލީގެ ކާރިސާގެ ހާލަތަށް ނިމުން އައިސްފައިވި ނަމަވެސް، ދުނިޔޭގެ އާންމު ސިއްހަތަށް އޮތް މިބަލީގެ ނުރައްކާ ފިލައިގެން ނުދާ ކަމަށެވެ. މިގޮތުން އޭނާ ވިދާޅުވީ، ފާއިތުވެދިޔަ ހަފްތާގައި އެކަނިވެސް، ކޮންމެ 3 މިނިޓަކުން މީހަކު މިބަލީގައި ދުނިޔެ ދޫކޮށްފައިވާކަމުގައެވެ. އަދި އެއީ ރަސްމީ ހިސާބުތަކުން ދައްކާ އަދަދުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޓެޑްރޯސް ވިދާޅުވީ ކޯވިޑް19ގެ ހާލަތު ގޯސްވެ، އެމަޖެންސީ ހާލަތަކަށް ދުނިޔެ އަނެއްކާވެސް އަތުވެއްޖެނަމަ، ސިއްޙަތު ޖަމިއްޔާގެ އެމަޖެންސީ ކޮމިޓީ އެއްތަންކޮށް، އެވަގުތަކަށް އެންމެ އަކަށޭނެ ފިޔަވަޅު އެޅުމަށް އޭނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަމުގައެވެ.