ސިއްހީ ދާއިރާގެ މީހުން އިތުރު ތަނެއްގައި މަސައްކަތް ނުކުރާނަމަ ހާއްސަ އެލަވަންސެއް

ސިއްހީ ދާއިރާގެ މީހުން އިތުރު ތަނެއްގައި މަސައްކަތް ނުކުރާނަމަ ހާއްސަ އެލަވަންސެއް

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2023 10:22
0

ވަޒީފާ އާދަކުރަމުންދާ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާނަމަ ހާއްސަ އެލަވަންސެެއް އެ މުވައްޒަފަކަށް ދިނުމަށް ނިންމައި އެކަން ސަރުކާރުން ހާމަކޮށްފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ، "އެކްސްކްލޫސިވް ސާވިސް ބެނެފިޓް"ގެ ނަމުގައި ދޭ މި އެލަވަންސް ލިބޭނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން، ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭގެ ތެރޭގައި ޑެންޓިސްޓުން ވެސް ހިމެނޭނެއެވެ.

ސީނިއާ ސަބް-ސްޕެޝަލިސްޓު ކޮންސަލްޓަންޓުންގެ މުސާރަ ވަނީ 71,649ރ. އިން 87,392ރ. އަށް ބޮޑުކޮށްފައެވެ. އަދި, ކޮންސަލްޓަންޓު ސަބް-ސްޕެޝަލިސްޓުންގެ މުސާރަ 28 އިންސައްތަ ބޮޑުކުރުމުން 77,577ރ. އަށް އިތުރުވެފައެވެ. ސީނިއާ ކޮންސަލްޓަންޓު ސްޕެޝަލިސްޓުންގެ މުސާރަ ވަނީ 55,675ރ. އިން 66,702 އަށް ބޮޑުކޮށްފައެވެ. އެ މަގާމުގައި ތިއްބެވީ އައިޖީއެމްއެޗުގެ 14 ޑޮކްޓަރުންނެވެ.

އޭނާ ވިދާޅުވީ މި އެލަވަންސް ދެވޭނީ ހޮސްޕިޓަލަކުން ޕޭ ކޮމިޝަނަށް ހުށަހެޅުމުން، ކޭސް-ބައި-ކޭސް އުސޫލުން ކަމަށެވެ. ނަމަވެސް، އެއީ ކިހާވަރެއްގެ އެލަވެންސެއް ކަމެއް ވިދާޅެއް ނުވެއެވެ.

ދައުލަތުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗުގައި މަސައްކަތްކުރާ ސްޕެޝަލިސްޓު ޑޮކްޓަރުން އެތަނުގެ ޑިއުޓީ ގަޑީގައި ބަލާ ބަލިމީހުންގެ އަދަދު ދަށް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން އޮވެއެވެ. އަދި, ހޮސްޕިޓަލް ޑިއުޓީއަށް ފަހު އަމިއްލަ ކްލިނިކުތަކާއި މެޑިކަލް ސެންޓަރުތަކުގައި އަގުބޮޑުކޮށް އެ ޑޮކްޓަރުން ބަލާތީ އާންމުންގެ ފާޑުކިޔުމާއި ޝަކުވާވެސް އަމާޒުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.