ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދަރި ފަނި ހަދިޔާކޮށްގެން، 500 އާއި 600 އާއި ދެމެދުގެ އަދެއްގެ ދަރިންގެ ބައްޕައަކަށް ވެފަައިވާ ނެދަރލޭންޑުގެ ފިރިހެނަކަށް، އޭނާ ދަރިފަނި އިތުރަށް ހަދިޔާ ކުރުން އެގައުމުގެ ކޯޓަކުން މަނާކޮށްފިއެވެ.
ނެދރލޭންޑުގެ ކޯޓަކުން ކޮށްފައިވާ ހުކުމުގައިވަނީ، އުމުރުން 41 އަހަރުގެ މި މިފިރިހެން މީހާއަށް ކުލިނިކްތަކަށް އޭނާގެ ދަރިފަނި ދިނުމަކީ މަނާކަމެއް ކަމެއްކަމުގައި ބުނެފައެވެ. އަދި ހުކުމުގައި ވަނީ، މި އަމުރާއި އޭނާ ޚިލާފްވެއްޖެ ނަމަ 100،000 ޔޫރޯއިން އޭނާ ޖޫރިމަނާ ކުރެވިދާނެކަމަށްވެސް ބުނެފައެވެ.
އަދި އޭގެ އިތުރުން މި ހުކުމުގައި ވަނީ، ފިރިހެން މީހާ އޭނާގެ ދަރިފަނި ދީފައިވާ ކުލިނިކްތަކުން އެތަންތަނުގައި ހުރި އޭނާގެ ދަރިފަނިތައް ނައްތާލުމަށް އެންގުމަށްވެސް އަމުރު ކޮށްފައެވެ. އެހެންނަމަވެސް އެއީ އޭނާގެ ދަރިން ވިހާފައިވާ އަންހެނުންނަށް ދިނުމަށް އޭނާ ފޯރުކޮށްދީފައިވާ ޑޯޒްތައް ފިޔަވައި ކަމަށްވެސް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވެއެވެ.
މިމީހާއަށް ދަރިފަނި ދިނުން ކޯޓުން މަނާ ކޮށްފައިވަނީ، ދަރިފަނި ހަދިޔާ ކޮށްގެން ވިހާފައިވާ ކުދިންނާއި، އެ ފިރިހެން މީހާގެ ދަރިފަނި ބޭނުން ކޮށްގެން ކުދިން ވިހާފައިވާ އަންހެނުން ނިސްބަތްވާ ފައުންޑޭޝަންއަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުންތަކަކަށް ފަހުއެވެ.
ކޯޓުގައި ކުރިޔަށްދިޔަ މިމައްސަލާފައި، މައްސަލަ ހުށަހެޅި ފަރާތްތަކުން ވަކާލާތު ކޮށްފައިވަނީ، ފިރިހެން މީހާ ދަރިފަނި އެހެން ފަރާތްތަކަށް ފޯރުކޮށް ދެމުންދާނަ، އޭނާގެ ދަރިފަނި ބޭނުންކޮށްގެން ވިހާފައިވާ ދަރިންގެ އަމިއްލަ ދިރިއުޅުމުގެ (ރައިޓް ޓު ޕްރައިވެޓް ލައިފް) ޒާތީ ހައްގުތައް ގެއްލިގެންދާކަމަށް ބުނެއެވެ. އަދި ބުނެފައިވަނީ މި ކުދިންގެ އެއްބަފާ ކުދިންތައް އެހެން މީހުން ވިހެއުމުން ދިއުމުގެ ސަބަބުން ލޯބީގެ ގުޅުންތައް އުފެއްދުމަށް މި ކުދިންނަށް އޮތް ހައްގުތަށް ހަނިވަމުންދާ ކަމަށެވެ.
މި ފިރިހެން މީހާ ނެދަރލެންޑުގެ ކުލިނިކްތަކަށް ދަރިފަނި ދެމުންދާކަމަށް އެންމެ ފުރަތަމަ އެނގިފައިވަނީ 2017ވަނަ އަހަރުއެވެ. އެހާތަނުން އޭނާ ދަރިފަނި ދިނުން މަނާ ކުރެވިގެންދިޔައިރު އޭނާއަށް ވަނީ 100 އަށްވުރެ ގިނަ ކުދިން އުފަންވެފައެވެ.
އެހެންނަމަވެސް އޭނާވަނީ އެއަށްފަހުވެސް ގައުމުން ބޭރުގެ ފަރާތްތަކަށް ދަރިފަނި ފޯރުކޮށްދެމުން ގެންގޮސްފައެވެ. އޭގެ ތެރޭގައި، ޑެނިޝް ސްޕާމް ބޭންކު ކުރިޔޮސްވެސް ހިމެނެއެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ސްޕާމް ބޭންކެކެވެ.
އަދި އޭނާވަނީ ތަފާތު ނަންނަމުގައި، ސްޕާމް ޑޯނާރަތަކާއި ގުޅުން އޮންނަ އަންހެނުންގެ ވެބްސައިޓްތަކުގައި ވެސް އޭނާ ޚިދުމަތް ފޯރުކޮށްދެމުން އައިސްފައެވެ.
ކޮމެންޓު ފޮނުވާ