ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ ގާތިލް ދެނެގަތުމަށްޓަކައި މަނަދޫގެ ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބައެއްގެ ސާމްޕަލް ނަގަނީ އެއްވެސް މީހަކަށް ޝައްކުކޮށްގެން ނޫން ކަމަށެވެ. ނައީމާގެ މަރާ ގުޅިގެން ފުލުހުންވެސް އަދި ކައުންސިލުންވެސް އެއްވެސް މީހަކަށް ޝައްކު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނައީމާގެ ތަހުގީގާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އެދެވޭ މައުލޫމާތެއް ކައުންސިލަށް ނުލިބޭ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ތަހުގީގުގައި އަދި މާބޮޑު ކުރިއެރުމެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނައިމާގެ މަރާއި ގުޅިގެން ފުލުހުންގެ ތަހުގީޤް ޓީމެއް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަހުޤީޤާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނަޢީމާގެ މަރުގެ ތަޙްގީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލާއިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ މީގެކުރިންވެސް ނަގާފައެވެ.
ނަޢީމާގެ މަރާ ގުޅިގެން، ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރައި ފޭބުމާއި، އުޅަނދުފަހަރު އެ ރަށަށް ދަތުރު ނުކުރުމަަށްވެސް ވަނީ އަންގާފައެވެ.