ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމެއް އަވަސްކުރަން އެދުނު ނަމަވެސް އެކަން ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން އުފެދުނު މައްސަލަތައް ހައްލު ކުރަން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް މި ހިނގާ ދައުރު ދިގު ދަންމާލަން ނަޝީދު ބޭނުން ނުވާ މައްސަލައިގައި ނަޝީދަށް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ނިޒާމީ މައްސަލައެއްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ. ތޯރިގު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ 12 ޖަހާއިރު ނިންމާލާނެކަން ނަޝީދު ވިދާޅުވިކަން ފާހަގަކުރައްވާފަ އެވެ. އެޖެންޑާގައި މެންބަރުން ވާހަކަ ދައްކަން އެދިފައިވަނިކޮށް އަދި ޖަލްސާގެ ވަގުތު ނުނިމެނީސް އެޖެންޑާ ނިމުނީ ކަމަށް ކަނޑަނޭޅޭނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަހުސްގައި ބައިވެރިވުމަށް މެންބަރުން އެދިވަޑައިގަންނަވާނަމަ ރިޔާސަތުން ބަހުސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. މިހާރު ނުނިމި ހުރި މަސައްކަތްތަކަކީ ގިނައިރު ބަހުސްކުރެވިފައި ހުރި މަސައްކަތްތައްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތަކުގެ ވަގުތު ހަމަވެފައިވާ ކަމަށެވެ.
މަޖިލިސް މިއަދު ޗުއްޓީ އަށް މިދަނީ، މެމްބަރުން ރިސެސް އަށް ވަޑައިގަތުމުގެ ކުރިން އެ މައްސަލަ ހައްލު ކުރަން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ރައީސް ނަޝީދު އެ ވާހަކަތަކަކާ މާބޮޑަށް ޝައުގުވެރިވެވަޑައެއް ނުގެންނެވިއެވެ.
އެއްވެސް މެމްބަރަކު ހިތަށް ވައްދަވައިގެން ނުވާނެ ސަރުކާރުން ކަމެއް ބޭނުންވީމާ އެކަމެއް އަވަހަށް ކުރަންވެގެން އަޅުގަނޑަށް ޖެހިގެން މިތަނުގައި އިނދެ އަޅުގަނޑު ކަމެއް ކުރާނެ ކަމަށް. އެއީ އެކަން ހިނގާނެ ގޮތެއް ނޫން.
– ނަޝީދު ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅު ބޮނޑިން ކޮތަޅު ފީ ނެގުން އިސްތިސްނާކުރުމަށް ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ރައީސް ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅާމެދު ރައްޔިތުން ކަންބޮޑުވަނީ އޭގެ ސަބަބުން ތިމާވެއްޓާއި ސިއްހަތަށް ގެއްލުން ލިބޭތީ ކަމަށެވެ. އެއީ އަވަސް ކުރަންޖެހޭ ބާވަތުގެ ބަހުސެއް ނޫން ކަމަށާއި އެކަމާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިހުގައި މިހާރު ދާ ސްޕީޑަށް ބަލައިފި ނަމަ، އެ ބިލާ މެދު ދެން ގޮތެއް ނިންމާނީ ދެވަނަ ދައުރުގައެވެ. ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ މެދު ތެރޭގައެވެ.