ލުބުނާނުގައި ހިންގާ ޝިއަޢީންގެ އަސްކަރީ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲ ޖަމާއަތަށް ފައިނޭންސްކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ މުހައްމަދު ބައްޒި، ރޫމޭނިއާއިން އެމެރިކާއާއި ހަވާލު ކޮށްފިއެވެ.
ބައްޒި އެމެރިކާގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަން ހާމަ ކޮށްފައިވަނީ އެގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުންނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވަނީ އޭނާއާއި އެމެރިކާއިން ހަވާލުވެފައިވަނީ ފާއިތުވި ހަފްތާގެ ކުރީކޮޅު ކަމަށެވެ.
ވޮޝިންޓަކުން ބައިނަލްއަގުވާމީ ޓެރަރިސްޓެއްކަމަށް 2018ވަނަ އަހަރު ކަނޑައަޅާފައިވާ މުހައްމަދު ބައްޒި ރޫމޭނިއާގެ މުވައްސަސާތަކުން ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.
ބައްޒިގެ މައްޗަށް އެމެރިކާއިން ތުހުމަތު ކުރަނީ، އިރާނުން ތާއީދުކުރާ ހިޒްބުﷲ ޖަމާއަތަށް އެހީތެރިވެރިދުނުމާއި، ސްޕޮންސަރ ކުރުމާއި، ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުންނާއި އަދި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިވަމުންދާ ކަމުގެ ތުހުމަތު ތަކެވެ.
އެމެރިކާގެ އެޓާރނީ އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނީ ބައްޒި ރޫމޭނިއާއިން ނިއުޔޯކަށް ގެންގޮސްފައިވަނީ ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަށެވެ. އަދި ބުދަދުވަހު އެމެރިކާގެ ބުރޫކްލީންގައި ހުންނަ ފެޑެރަލް ކޯޓަކަށް ހާޒިރުކޮށް، ބައްޒިގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާއަށް އިއްވާފައިވާއިރު، އޭނާވަނީ ހުރިހާ ދައުވާތަކަށްވެސް އިންކާރު ކޮށްފައެވެ.
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްކަމަށް އެމެރިކާއިން ކަނޑައަޅާފައިވަނީ 1997 ވަނަ އަހަރުއެވެ. އެއީ، އެމެރިކާގެ ސިފައިންނާއި، އެގައުމުގެ ސަރުކާރުގެ މުވައްޒަފުންނާއި އަދި ގައުމުން ބޭރުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށް އެތަކެއް ޓެރަރިސްޓް ހަމަލާތަކެއް އެޖަމާއަތުން ދިފައިވާކަމުގެ ތުހުމަތުގައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބައްޒި އާއި ލުބުނާނުގެ އެހެން ރައްޔިތެއް ކަމުގައިވާ ތަލާލް ޗަހިންގެ މައްޗަށް ދައުވާ އުފުލާގައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.
ހިޒްބުﷲ ޖަމާއަތަކީ ލުބުނާނުގައި ހަރަކާތްތެރި ވަމުން އަންނަ ހަގުރާމަވެރި ޖަމާއަތެކެވެ. 1992 ވަނަ އަހަރުންފެށިގެން މިޖަމާއަތުގެ ވެރިއަކަށް ހުންނަވަމުން ދަނީ އެޖަމާއަތުގެ ސެކެޓްރީ ޖެނެރަލެއްގެ ހައިސިއްޔަތުން ހަސަން ނަސްރުﷲ އެވެ.
ހިޒްބުﷲ ހަމާއަތުގެ އަސްކަރީ ގާބިލްކަން ވަނީ 2006ވަނަ އަހަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިގޮތުން އެ ޖަމާއަތުގެ އަސްކަރީ ބާރު ލުބުނާނުގެ އަސްކަރިއްޔާއަށްވުރެ ފަހަކަށް އައިސްވަނީ ވަރުގަދަ ވެގެން ގޮސްފައެވެ. އަދި ހިޒުބުﷲ ޖަމާއަތުގެ ބާރު ލުބުނާނުގައި ގަދަވެ، އެ ޖަމާއަތަށް ނިސްބަތްވާ ވަޒީރުން ލުބުނާނުގައި ކެބިނެޓްގައިވެސް ހިމެނިގެން ގޮސްފައިވެއެެވެ.
އަދި މިޖަމާއަތުން ރޭޑިއޯ ސްޓޭޝަނަކާއި އަމިއްލަ ޓީވީ ސްޓޭޝަނެއް ހިންގާ، އިޖުތިމާޢީ އެތައް ޚިދުމަތެއް ފޯރު ކޮށްދިނުމުގެ އިތުރުން މިޖަމާއަތުގެ ހަގުރާމަވެރިން ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރި ވަމުންދެއެވެ.
ހިޒްބުﷲ ޖަމާއަތަކި އިރާނުން އެހީތެރި ވެދެމުންދާ ޖަމާއަތެކެވެ.