ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރާއިރު، ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންނެކޭ އެއްގޮތަށް ކައުންސިލްތަކުގެ އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހާއްސަ އެލަވަންސް ދިނުމަށް ގޮވާލައި ކައުންސިލްތަކުން އަންނަނީ ގަރާރު ފާސްކުރަމުންނެވެ.
މިހާތަނަށް 60 އަށްވުރެ ގިނަ ކައުންސިލުން ވަނީ އެ ގަރާރު ނެރެފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ބަޖެޓުގައި ނެތް ކަމަށެވެ. ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރާއިރު އެ މުވައްޒަފުންނަށް ވެސް ހެޔޮ ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ގަރާރުގައި ބުނީ ރަށުގައި ހުންނަ ދައުލަތުގެ އެހެން އޮފީސްތަކަށް ވުރެ، ލާމަރުކަޒީ ގާނޫނުގެ ހުރިހާ ޒިންމާތަކެއް މަތިކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވެންސް ކުޑަވެފައި ފަރަގު ބޮޑުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާތަކުން ވަކިވެ އެހެނިހެން ވަޒީފާތަކާ ގުޅި، އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތިވާ ކަމަށް ބުންޏެވެ. އެ ސަބަބުތަކާ ހުރެ، ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ނަން ނަމުގައި ދޭ 35 ޕަސެންޓް އެލަވެންސް، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ދިނުމަށް އެ ކައުންސިލްތަކުން ގޮވާލާފައިވެ އެވެ.
"ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރައިގެ 35 ޕަސެންޓް އެލަވަންސެއް ދެމުންގެންދާއިރު، ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސްތައް ނުލިބި މުސާރައިގެ ފަރަގު އިންތިހާ އަށް ބޮޑުވެފައިވުމަކީ ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި އެއް ހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ގަރާރުގައި ވެ އެވެ.
ސަރުކާރުން ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ މިދިޔަ އަހަރުގެ މެއި މަހު ބޮޑުކޮށްފަ އެވެ. އެގޮތަށް، ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ބޮޑުވާނެ އެވެ.
ކޮމެންޓު ފޮނުވާ