އިންޑިއާގެ އެފްކޮންސްގެ ޖޫރިމާނާ މަޢާފް ކުރުމުގެ ވިސްނުމެއްނެތް: ޝައުނާ

އިންޑިއާގެ އެފްކޮންސްގެ ޖޫރިމާނާ މަޢާފް ކުރުމުގެ ވިސްނުމެއްނެތް: ޝައުނާ

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2023 12:43
0

ވިލާމާލޭ ބްރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމެއް އެރުމާއި ގުޅިގެން އެ މަސައްކަތްކުރާ އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ދެގެނެސް، ޖޫރިމަނާ މަޢާފްކުރުމުގެ ވިސްނުމެއް ނެތްކަމުގައި އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޕްލެޓްފޯމް ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން ފަރުގެ މާޙައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން އީ.ޕީ.އޭއިން އެފްކޮންސް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފައިވަނީ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ދިވެހިރުފިޔާއިންނެވެ.

މި ޖޫރިމަނާ ދެއްކުމުގައި ކުންފުނިން އަމަލު ކުރަމުންދާ ގޮތާއި، ސަރުކާރުގެ ވިސްނުން ހުރި ގޮތް ސާފު ކުރުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިމައްސަލަ އެފްކޮންސްއިން ވަނީ އެޕީލްކޮށްފައި ކަމަށެވެ. އެފްކޮންސް އިން ހުށަހެޅި މައްސަލައިގެ ލީގަލް ރިވިއު މިހާރު ނިމިފައިވާކަމަށެވެ. ލީގަލްއިން ލަފާދީފައިވަނީ މިމައްސަލާގައި އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް ކަމަށާއި، މިހާރު ވަނީ އެމަރުހަލާ ފެށިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެފްކޮންސްގެ މުޖޫރިމަނާ މަޢާފްކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެވެސް ސަރުކާރުގެވެސް ނެތްވާހަކަ ދަންނަވާލަން.

– މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓްމަހު ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅުމުގެ ތެރޭގައެވެ. ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ.

އީ.ޕީ.އޭގެ އެސެސްމެންޓް ރިޕޯޓުންނާއި، ޕްލެޓްފޯމުގެ ވެރިފަރާތުން ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ޕްލެޓްފޯމްގެ ބައިތަކުންނާއި، އެތަކެތި ނެގުމަށް ކުރެވުނު މަސައްކަތުން އެ ސަރަޙައްދުގެ ފަރުގެ އެކި ދިމާދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. އެގޮތުން 2755 އަކަމީޓަރުގެ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީ.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލިއިރު ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.