ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސްކަމަށް އޭޑީކޭއިން ބުނެފިއެވެ.
މި އެކްސިޑެެންޑް ހިނގާފައިވަނީ މިއަދު ހެނދުނު، ހުޅުމާލޭގެ ފޭސް 2 ގެ ނިރޮޅުމަގުގައި ކާރަކާއި ސައިކަލެއްޖެހިގެންނެވެ. އަނިޔާވި ޒުވާނާއަަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ނަމަވެސް އަނިޔާތަކުގައި ސިކުނޑިއަށް ލޭ އެޅިފައިވާތީ، އޭނާ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އަނިޔާވި މީހާގެ ހާލު ސީރިއަސްކަމުން ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގެ އައިސީޔޫގައިކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލާއި، ފަރުވާގެ މަޢުލޫމާތު ޙިއްސާކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓު ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:45 ހާއިރެވެ. މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފަހަކަށް އައިސް މަގުމަތީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. މިކަމާގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓްރެފިކް ޤާނޫނުތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ