މާލޭގައި މިދިޔަ މާޗް މަހު 245 ކައިވެނި ކުރިއިރު، އެ މަހުގެ ތެރޭގައި 115 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 245 ކައިވެނި ކުރިއިރު 115 ވަރީގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ނިންމީ އަދި ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ.
އެގޮތުން ވަރީގެ 128 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، އޭގެ ކުރީ މަހުގެ ބާކީ ހުރި މައްސަލަތަކާ އެކު ވަރީގެ 149 މައްސަލައެއް މިދިޔަ މަހު ނިންމިއެވެ. އޭގެ ތެރެއިން ގިނައީ ވަރިވުމަށް ހުށަހެޅި މައްސަލަތަކެވެ. ވަރިވުމުގެ 57 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު 71 މައްސަލައެއް ނިންމިއެވެ.
ދެން އެންމެ ގިނައީ އާއިލީ އެހެނިހެން މައްސަލަތަކާއި ހަރަދުގެ މައްސަލަތަކެވެ. އެއީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ވެސް ހިމެނޭ ގޮތުންނެވެ.
ފެމިލީ ކޯޓަކީ ހަމައެކަނި މާލެ ސަރަހައްދުގައި ކައިވެނިކޮށް ދިނުމާއި އާއިލީ މައްސަލަތައް ބަލާ ކޯޓެވެ. ރަށްރަށުގައި ވަރި ކައިވެނީގެ މައްސަލަތައް ބަލާނީ އެރަށެއްގެ ކޯޓުންނެވެ.
ކޮމެންޓު ފޮނުވާ