ނައީމާގެ މަރަށް 4 ދުވަސް: މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ!

ނައީމާގެ މަރަށް 4 ދުވަސް: މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ!

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2023 10:30
0

މަނަދޫގައި މިދިޔަ ހުކުރު ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާކަމަށާއި ނައީމާ މަރާލާފައިވަނީ ރޭޕްކުރުމަށްފަހުގައިކަމަށް ބުނެ ދައުރުވާ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށާއި މި ހާދިސާ ފުލުހުން ގެންދަނީ އަދިވެސް އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ހުކުރު ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާތީ، މަނަދޫ ކައުންސިލުން އެ ރަށުގައި ހުންނަ އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއިވެސް ވަނީ ބައްދަލުކޮށްފައެވެ. ނައީމާ މޫސާގެ މަރާއި ގުޅިގެން މަނަދޫގައި ތަފާތު އެކި ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ރަށުގައި ނައީމާ މޫސާގެ ގާތިލު މިހާރު ހުރިކަމެއް ނުވަތަ ނެތްކަމެއް ޔަގީން ނުވާއިރު، ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ.

މަނަދޫގައި އަނިޔާވެރި ގޮތަކަށް ނައީމާ މަރާލާފައި އޮއްވާ ފެނިފައިވަނީ ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ބެލިބެލުމުންނެވެ. ނައީމާ ދިރިއުޅޭ ކޮޓަރީގެ ދޮރު ނުހުޅުވައިގެން ގޯހެއް ވެއްޖެ ކަމަށް ބަލައި، އެކަން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ. ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.

ފުލުހުން ވަނީ ނައިމާގެ މަރާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެކަން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް އެކަން ހިއްސާކުރުމަށް އެދިފައެވެ. މި މައްސަލަ ތަހުގީހުކުރަމުންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރަައިމް ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮކިސްޓެއް ނ. މަނަދޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މަރު ތަހުގީގުކުރުމުގެ ބޭނުމަށް ފުލުހުން ވަނީ، އެ ރަށަށް އަރާ ފައިބާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް ކައުންސިލުގައި އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.