ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމަށް މަދުވެގެން 15 ދަރިވަރުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދިއްފުށި، ތުލުސްދޫ އަދި ހުރާ މި ތިން ރަށުގައި ގްރޭޑް 11 އަދި 12 ފެށޭނީ ކޮންމެ ރަށަކުން 15 ދަރިވަރުން މަތީ ސާނަވީއަށް ތަޢުލީމް ހާސިލްކުރުމުންކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ބަލާލައިފިން މި އަންނަ އަހަރު ފެށޭނެތޯ. އަދިވެސް އެވަރަކަށް އަޅުގަނޑުމެންނަށް ދަރިވަރުންނެއް ނުލިބޭ. ދަރިވަރުން ލިބޭ ކަމުގަވެއްޖެއްޔާ އަޅުގަނޑުމެންނަށް ފެށޭނެ. ނަމަވެސް އެވަރަށް އަދިއެއްނެތް. 15 ކުދިން އެބަ ބޭނުންވޭ އޭލެވެލް ފަށަންޏާ ރަށުގައި ތިބެގެން ކިޔަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގައި އޭލެވެލް ފެށުމަށް އިސްތިސްނާއެއްދީފައިވާ ކަމަށެވެ.
އެގޮތުން 15 ދަރިވަރުން ހަމަނުވި ނަމަވެސް އެ އަތޮޅުގައި އޭލެވެލް ނުހެދޭނަމަ އަތޮޅުގައި އެންމެ ކުދިން ގިނަ ސްކޫލެއްގައި އޭލެވެލް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ