އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު މިއަދު ހަވީރު މަނަދޫގައި ވަޅުލުމަށް ނިންމައިފިއެވެ.
މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުން އައި އެ ރަށު އަންނާރުމާގެ، ނައީމާ މޫސާ 62، ހަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް އެންގިއެވެ. އަދި އެ ގެއަށް ގޮސް ދޮރު ވައްޓާލައިގެން ބެލި އިރު، ނައީމާ އޮތީ ބިންމަތީގައި މަރުވެފައެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަނީ ވަޅި ހަރައިފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ތިބީ މަނަދޫގައެވެ.
ރާއްޖޭގައި މީގެކުރިން ހިންގާފައިވާ މިފަދަ އަނިޔާވެރި މަރުތަކުގައި ހަށިގަނޑު މާލެ ގެނެސް ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހެދުމަކީ ފުލުހުން ކުރަމުން އައި ކަމެކެވެ. ވަކިން ހާއްސަކޮށް މިފަދަ މަރުތަކުގައި ތުހުމަތު ކުރެވޭ މީހަކު ނެތް ނަމަ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އިސްކަންދީފައިވެސްވެއެވެ. ނަމަވެސް ނައީމާގެ މަރާ ގުޅިގެން އޭނާގެ ހަށިގަނޑު މާލެ ނުގެންދިއުމަށާއި އަދި ޕޯސްޓްމޯޓަމް ނުހެދުމަށް ފުލުހުން ނިންމި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ފުލުހުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މަނަދޫ ކައުންސިލްގެ ރައީސް ރައީސް އަބްދުލްރަހުމާން ސަބީހު ވިދާޅުވީ ނައީމާގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު މިއަދު ހަވީރު 4:30ގައި އެރަށުގައި ހަށިގަނޑު ވަޅުލުމަށް ނައިމާގެ ހަށިގަނޑު ފުލުހުންގެ ފަރާތުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނައީމާއަކީ ރަށު ކައުންސިލްގެ ވަޒީފާގައި ރަށު ތެރެެ ކުނި ކަހައި ސާފުކޮށް އުޅޭ މީހެކެވެ. އޭނާގެ ތިން ކުދިން ތިބެއެވެ. ނައީމާ ދިރިއުޅެމުން ދިޔައީ، އޭނާގެ ރަޖިސްޓްރީ ވެސް އޮންނަ ގޭގައި ކަމަށްވެއެވެ.
ގދ. ހޯޑެއްދޫ، ސްވެން، ރަޝީދު (43 އ) މިދިޔަ އަހަރުގެ ތެރޭގައި މަރުވި މައްސަލައިގައި އާއިލާ އިން އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހެދުމުންވެސް ފުލުހުން ވަނީ އަބްދުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައެވެ.
ކޮމެންޓު ފޮނުވާ