ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައިވާ ނ. މަނަދޫގައި އުމުރުން ދުވަސްވީ އަންހެން މީހާގެ މައްސަލާގައި ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މަނަދޫގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މަނަދޫގައި ރޭ އިރާކޮޅު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ އެ ރަށު އަންނާރުމާގެ ނައީމާ މޫސާއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް އެންގުމުން، ފުލުހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރުވައްޓާލައިގެން ވަނުމުންނެވެ.
މިމަރާއި ގުޅިގެން މުޅި މަނަދޫ އޮތީ ބޮޑު ޝޮކެއްގައެވެ. މަރާއި ގުޅިގެން ރެއިން ފެށިގެން އެރަށު ކައުންސިލުން ވަނީ ފުލުހުންގެ އެންގުމަށް އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. މަރާއި ގުޅިގެން ފުލުހުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހަމަކޮށްފައި ނުވެއެވެ. ނޫސްވެރިން ފުލުހުންގެ ވައިބާ ގްރޫޕްގައި އެކި ސުވާލުތައް ކުރި ނަމަވެސް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައިި ނުވެއެވެ.
މިއަދު ހެނދުނު ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް މަނަދޫގައިި ދަނީ ހަރަކާތްތެރިވަމުން ދާކަމަށެވެ. މިފަދަ މަރުގެ ބޮޑެތި މައްސަލަތަކުގައި ފުލުހުން ތަހުގީގްގެ ކުރީކޮޅު އާންމުންނަށް މައުލޫމާތު ހިއްސާ ނުކުރެއެވެ. މިމައްސަލާގައިވެސް ފުލުހުން އަމަލު ކުރަމުންދަނީ ހަމަ އެއުސޫލުންނެވެ.
މަނަދޫއިން މިހާދިސާއާއި ގުޅިގެން މައުލޫމާތު ދިން މީހަކު ބުނީ ނައީމާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައިވާކަމަށެވެ. ނައީމާ ފެނުނުއިރު، އޭނާ އޮތީ އެކަނި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތަޅުންގަނޑު މަތީ ބަންޑުން ކަމަށާއި އެތަނުގައި ގިނަ އަދަދަކަށް ލޭހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅިޖަހާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހު ބުނީ، މަރުވި މީހާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި އޭނާ މަސައްކަތަށް ނުނިކުމެ، އެއްވެސް މީހަކަށް ހަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށެވެ. އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފައެވެ. ހަމައެއާއެކު ރަށަށް ދާ މީހުންވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.
ނައީމާ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނުނުއިރު، އެގޭގައި ދިރިއުޅެނީ އޭނާ އެކަންޏެވެ. އެކަމުގައި ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް، ނައީމާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރެގެން އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓާ ކުރަމުންނެވެ.