މިސަރުކާރުން ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކައި، އެމީހުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ސިޔާސީ ބޭފުޅުން މަޤާމުތަކުން ވަކި ކުރަމުންދާތީ ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއުވާން ވިދާޅުވީ ސިޔާސީ ވަޒީފާތަކާއި، ސިވިލްސާވިސް ވަޒީފަތަކީ މުޅިން ތަފާތު ދެ ވަޒީފާއެއްކަމަށެވެ.
ސިޔާސީ ވަޒީފާތަކީ ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީފާތަކެއްކަމަށެވެ. އެމަޤާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމަކިީ ރައީސަށް އޮތް ބާރެއްކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިީ ސިޔާސީ ބޭފުޅުންގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ކުރުންކަމަށެވެ. އެކަން ނުކުރެވޭކަމުގައިވާނަމަ، މަޤާމުތަކުން މީހުން ވަކި ކުރުމަކީ ރައީސް ކުރައްވާނެ ކަމެއްކަމަށެވެ.
މިއުވާން ވިދާޅުވީ މިސަރުކާރުން ސިވިލްސާވިސް މުވައްޒިފުންނަށް ނިމިދިޔަ ސަރުކާރުން ބިރު ދެއްކި ގޮތަށް ބިރެއް ނުދައްކާނެކަމަށެވެ. މީގެ ކުރީގެ ސަރުކާރުން ސިވިލްސާވިސް މުވައްޒިފުން ވަކި ސިޔާސީ ފިކުރަކަށް ތާއީދު ނުކޮށްގެން ވަޒީފާތަކުން ވަކިކުރިނަމަވެސް މިސަރުކާރުން އެކަން އެގޮތަށް ނުކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ.
އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން މިސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތަކީ ރައީސްގެ ސިޔާސަތު ތަންފީޒު ކުރުން. އެކަން ނުކުރާނަމަ ވަޒީފާތަކުން ވަކިވާނެ. އަޅުގަނޑުމެންނަކީ މިސަރުކާރަކީ ކުރީ ސަރުކާރުހެން ސިވިލްސާވިސް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ބިރު ދައްކައި ވަޒީފާ އަދާކުރައްވާ ރަށުން އެހެން ރަށަށް ބަދަލުކޮށް ބިރުދައްކާނެ ސަރުކާރެއްނޫން.
– މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ސިޔާސީގޮތުން ރައީސާއި ދެކޮޅަށް މަސައްކަތް ކުރައްވައި ރިޔާސީ ރޭހުގައި ވާދަކުރައްވާ ބޭފުޅުން ސަރުކާރު ކޯލިޝަންގައި ތިބެގެން މަސައްކަތް ނުކުރެވޭނެކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޖޭޕީވިޔަސް އަދި އެހެން ޕާޓީއެއްވިޔަސް ސިޔާސީގޮތުން ރައީސާއި ދެކޮޅަށް މަސައްކަތް ކުރާނަމަ އެބަޔަކު ސަރުކާރުގައި ބައިތިއްބައިގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ.