ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަނެއްކާވެސް މާނަފުން ޓްވިޓެއް ކުރައްވައިފިއެވެ. މިފަހަރުގެ ޓްވީޓު އަމާޒުކުރެއްވީ ކޮންކަމަކަށް ކަމެއް ނޭނގެއެވެ.
އިމްރާން ކުރެއްވި ޓްވިޓުގައި ވިދާޅުވެފައިވަނީ ސިންގާ އަކީ އެއްގަމުގައި ކިތަންމެ ބާރުގަދަ ޖަނަވާރެއްކަމަށް ވިޔަސް، ފައިނުފޯރާފަށަށް މޫދަށް ލާއިރަށް ކުޑަ ހިނދުކޮޅަކުން އާރެއް ބާރެއް ނެތި ބޮކިޖަހާފައި އަޑިއަށް ގެނބިދާނެކަމަށެވެ. މިއީ ކީއްވެގެން ކާކަށް ނިސްބަތްކުރައްވައި ކުރެއްވި ޓްވީޓެއްކަމެއް ސާފެއް ނޫނެނެވެ. އެހެންނަމަވެސް ޝައިޚް އިމްރާނީ ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން މިފަދަ ޓްވީޓުތައް ކުރައްވަމުންދާ ބޭފުޅެކެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާތައްކޮށް ހިންގި ސިޔާސީ ޙަރަކާތްތަކާއެކު މިހާތަށް އިމްރާން ހުންނެވީ އެމްޑީޕީއާއެކު އޭނާގެ އަދާލަތު ޕާޓީ ކޯލިޝަން ހައްދަވައިގެންނެވެ. ދެބައިވެފައިވާ އެމްޑީޕީގައި އިމްރާން ތާޢީދުކުރައްވަނީ ރައީސް ޞާލިޙްގެ ފެކްޝަނަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަންހަދަން އެންމެ ފުރަތަމަ ނިންމެވި ސިޔާސީ ލީޑަރަކީވެސް އިމްރާނެވެ.
“Singa” akee ehgamugai kithanme baarugadha janavaareh kamaku fainufoara fashah moodhah laa irah, kuda hindhukolhakun aareh baareh nethi boki jahaafai adiah genbidhaane eve.
— Imran Abdulla (@ShimranAb) March 27, 2023
އިމްރާނަކީ މިސަރުކާރުގެ ހޯމް މިނިސްޓަރެވެ. އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ ފާޑުކިއުން ވަރަށްބޮޑަށް އިމްރާނަށް އަމާޒުވެއެވެ. އޭނާގެ މިޓްވީޓަށްވެސް ގިނަބަޔަކުވަނީ ފާޑުކިޔާފައެވެ.