އަންނަ އެޕްރިލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓުވިޓަރއަށް 8 ޑޮލަރު ނުދައްކާ ފަރާތްތަކުގެ ނޫ ބެޖް އަބުރާ ގެންދަން ހަމަޖެހިފައިވާކަން ޓުވިޓަރއިން ހާމަ ކޮށްފިއެވެ.
ޓުވިޓަރގެ މި ނިންމުމާއެކު، އަމިއްލަ އެކައުންޓު ވެރިފައި ކޮށްގެން ތިބި، ޓުވިޓަރ ބޭނުން ކުރަމުންދާ އެތައް މިލިއަން މީހުންނަށް އެމީހުންގެ ހޭންޑްގެ ނޫ ބެޖް ގެއްލިގެންދާނެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ގަބޫލު ކުރާ ގޮތުގައި ޓުވިޓަރގެ މި ނިންމުން ވެގެންދާނީ "އެޕްރިލް ފޫލް" ހެއްދުމުގެ ގޮތުގައި އެކުންފުނީގެ ވެރިޔާ އެލޮން މަސްކު އާންމު ކޮށްފައިވާ ނިންމުމެއް ކަމުގައެވެ.
އެލޮން މަސްކަކީ މީގެ ކުރިން "އެޕްރިލް ފޫލް" ހެއްދުމުގެ ގޮތުން އެޕްރިލްމަހުގެ 1 ވަނަ ދުވަހު، "ފޭކް ނިންމުން" ތަކެއް އާންމު ކޮށްފައިވާ ފަރާތެކެވެ.
އެގޮތުން މީގެ ކުރިން އޭނާވަނީ "އެޕްރިލް ފޫލް" ހެއްދުމުގެ ގޮތުން، އޭނާގެ ޓެސްލާ ކުންފުނި ބަގުރޫޓު ވެފައިވާކަމަށް، 2018 ވަނަ އަހަރުގެ އެޕްރިލްމަހުގެ 1 ވަނަ ދުވަހު އިއުލާން ކޮށްފައެވެ.
ދުނިޔޭ އެންމެ މުއްސަދި މަހުޖަނު ކަމުގައިވާ އެލޮން މަސްކު 42 ބިލިއަން އެމެރިކާ ޑޮލަރަށް، ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓުވިޓަރ ގަތުމަށްފަހު އޭނާވަނީ ޓުވިޓަރގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މިގޮތުން އޭނާ ޓުވިޓަރގެ ސިޔާސަތަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކަށް ވެގެންދިޔައީ، އެކައުންޓުތައް ވެރިފައި ކުރުމަށް ޓުވިޓަރއިން ބޭނުން ކުރަމުން އަައި ނޫ ބެޖްއަކީ ގަންނަންޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
އަދި ފާއިތުވި ޑިސެމްބަރުމަހު، 8 ޑޮލަރަށް ނޫ ބެޖް ވިއްކަން ފެށުމަށްފަހު ޓުވިޓަރއިން ހާމަ ކޮށްފައިވަނީ، މިއަހަރު ފެށިގެން މާގިނަ ދުވަސްތަކެއް ނުވަނީސް، މަސްކު ޓުވިޓަރ ގަތުމުގެ ކުރިން ދޫކޮށްފައި ހުރި ނޫ ބެޖްތަކަށްވެސް 8 ޑޮލަރު ދައްކަން ޖެހޭގޮތަށް ބަދަލުވެގެން ދާނެ ކަމުގައެވެ. މަސްކު ޓުވިޓަރ ގަތުމުގެ ކުރިން ދޫކޮށްފަ ހުރި ނޫ ބެޖްތައް ފަހުން ބަދަލު ކޮށްފައިވަނީ "ލެގަސީ ވެރިފައިޑް" ގެ ނަމަވެށެވެ.
ޓުވިޓަރއިން އިތުރު ޚިދުމަތްތައް ދެމުންދާ، ނޫ ބެޖަކީ މަހަކަށް 8 ޑޮލަރު ދައްކަންޖެހޭ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދާ ފަރާތްތަކަށް ޓުވީޓުތައް އެޑިޓް ކުރުމުގެ ފުުރުސަތު ލިބެއެވެ. އަދި ނޫ ބެޖް ގަންނަ ފަރާތްތަކަށް އާންމުކޮށް އަޕްލޯޑް ކުރެވޭ ވީޑިއޯތަކަށްވުރެ ދިގު ވީޑިއޯތައް އަޕްލޯޑްކުރުމުގެ ފުރުސަތުވެސް ދިނުމަށް ޓުވިޓަރއިން ވަނީ ހަމަޖައްސާފައެވެ.