އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރަނގަޅު ގޮތެއް ހޯދުމަށް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އޮފީސް ކުނޫޒުގައި މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެމްޑީޕީއަށް ދުވަހަކުވެސް ދެރަގޮތެއް ވާން ރައީސް ނަޝީދު ނޭދޭކަމަށެވެ. އެމްޑީޕީގެ މިހާރުގެ ހާލަތު އޮތް ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވާން އޮތް އެންމެ ރަނގަޅު ގޮތެއް ހޯދުމަކީ ރައީސް ނަޝީދު ކެނޑިނޭޅި ކުރައްވަމުންދާ މަސައްކަތް ކަމަށް ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރަނގަޅު ގޮތްތަކެއް ހޯދުމަކީ މިވަގުތު ރައީސް ނަޝީދު އެންމެ އިސްކަން ދެއްވައިގެން ކުރައްވަމުންދާ މަސައްޖަތް ކަމަށެވެ. ރައީސް ނަޝީދު ސިޔާސީ މަސައްކަތުގައި އެމްޑީޕީއަށް ދެރަވާނެ އެއްވެސް ގޮތަކަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަގީންކަން ހަސަން ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދު އެމަސައްކަތް ކުރައްވަނީ އަޅުގަނޑުމެން އަމުރުއާއި، އަޅުގަނޑު ޖޭޕީގެ އޮފީހައަށް އައިސް މިމަޝްވަރާ ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން އެމްޑީޕީން މަސައްކަތް ކުރާނެ ގޮތްތަކެއް ހޯދުމަށް. ރައީސް ނަޝީދު އެމަސައްކަތް ކުރައްވަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތަކީ ކޮބައިތޯ ބައްލަވާފަ އެގޮތަށް އެމަސައްކަތެއް ކުރެއްވުމަށް. އަދި އެމަސައްކަތެއް ކުރައްވަނީ އަދި ނިންމަވާ ހުރިހާ ނިންމުމެއް ކުރައްވާ ހުރިހާ މަސައްކަތެއް އެކުރައްވަނީ ހަމަ އެމްޑީޕީއަށް. އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް.
– ހަސަން ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީއާއިއެކު އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ކޮށްފައިވަނީ ދެބައިމީހުން އެކީގައި މަސައްކަތް ކުރާނެ ސިޔާސަތުތަކެއް އެކުލަވާލުމާއި ގުޅޭގޮތުންނެވެ. މިގޮތުން ރައްޔިތުންނަށް އެންމެ ފައިދާހުރި މެނިފެސްޓޯއެއް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ދެފަރާތުން ވަނީ ތައްޔާރުވަމުންނެވެ.
އެމްޑީޕީ ތެރޭގައި ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތް ތަކާއި ގުޅޭގޮތުން އިއްޔެ ރައީސް ޞާލިހު ވިދާޅުވީ ރައީސް ނަޝީދަށް އެގޮތަށް އެމްޑީޕީގައި މަސައްކަތް ނުކުރެވޭނެކަމަށެވެ. އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައަޅާފައި ވަނިކޮށް ނަޝީދަށް ވަކިން ނިކުމުގެ އެހެން ބަޔަކާއިއެކީ ކުރިއަށް ދިއުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ.