މިއަހަރު ބައްވާ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާނާއި އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ބައްދަލުކުރައްވައިފިއެވެ.
މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ބައިރެވިވެލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމުމަށްފަހު އަދާލަތު ޕާޓީ އާއި އެމްޑީއޭ އެމަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް ލިބިފައިނުވެއެވެ. މި ބައްދަލުވުމުގައި މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހުރީ ޕާޓީ އަދި އެމްއާރުއެމް އިން ބައިވެރިވެފައެއް ނުވެއެވެ.
ޖޭޕީއިން މިހާރު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހެދުމަށް ނިންމައި އެ ޕާޓީއިން ވަކިން ކެންޑިޑޭޓެއް ނެރުމަށް ނިންމާފައެވެ. އެމްއާރުއެމް އިން އަދި ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމާމެދު މަޝްވަރާކުރުމަށް އެމްއާރުއެމް އިން ޖޭޕީއާ އިއްޔެ ވަނީ ބައްދަލުކޮށްފައެވެ. މީގެ އިތުރުން އެމްއާރުއެމް އިން ވަނީ މިއަދު އަދާލަތު ޕާޓީއާއެކު ވެސް ބައްދަލުކޮށް މިހާރު އޮތް ކޮލިޝަނުގެ ތަޖުރިިބާއާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ކޮމެންޓު ފޮނުވާ