ކުންފުނިތަކުގެ ވެރިން އުޅެނީ، ވައްކަން ކުރަން ދެވަނަ ދައުރެއް ބޭނުން ވެގެން: ހަސަން

ކުންފުނިތަކުގެ ވެރިން އުޅެނީ، ވައްކަން ކުރަން ދެވަނަ ދައުރެއް ބޭނުން ވެގެން: ހަސަން

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2023 10:55
0

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އުޅެނީ ކޮރަޕްޝަންގެ ތެރެއިން ވައްކަން ކުރަން ދެވަނަ ދައުރެއް ބޭނުން ވެގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް އަދި މޮނީޓާ ކުރުމަށް ގާނޫނެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަން ގެންދަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ސަރުކާރުގެ ތެރޭގައި އެންމެ ބޮޑަށް ވައްކަން ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަމަށެވެ.

މިކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަމުންދަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށް ނޫންކަމަށާއި، މަސައްކަތް ކުރަމުންދަނީ އެކުންފުނިތަކުގެ ވެރިންނަށް ދެވަނަ ދައުރެއް ހޯދުމަށް ކަމުގައެވެ. މިހާރުވެސް އެބޭފުޅުން ހިންގަމުންދާ ވައްކަމުގެ ކަންކަން ބާރަށް ހިންގުމަށް ދެވަނަ ދައުރެއް ހޯދުމަށް ކެނޑިނޭޅި އެބޭފުޅުން މަސައްކަތް ކުރަމުންދާކަމަށް ހަސަން ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެނގޭ ރައީސުލްޖުމްހޫރިއްޔާ އަށް ދެވަނަ ދައުރެއް ބޭނުންވެގެން މިކުންފުނިތަކުގެ ތިއްބެވި އިސްބޭފުޅުންގެ ތެރެއިން މިކަންކަން ހިންގަމުންދާ ބޭފުޅުން އެޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ދެއްވާކަށް ނޫން. އެބޭފުޅުން ހިންގަވާ ކަންކަމަށް ދެވަނަ ދައުރެއް ބޭނުންފުޅު ވެގެން. އެނާޖައިޒް ފައިދާ ކޮރަޕްޝަން، ވައްކަން ކުރަން ދެވަނަ ދައުރެއް ބޭނުން ވެގެން އުޅެނީ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދެއްވާކަށް ނޫން.

– ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވެރިކަމުގެ ދެވަނަ ދައުރެއްގައިވެސް އެބޭފުޅުން އެކުންފުނިތަކުގައި ވެރިންގެ ގޮތުގައި ބައިތިއްބާނަމަ ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް އެބޭފުޅުންނަށް މައްސަލައަކަށް ނުވާނެކަމަށެެވެ.

އެބޭފުޅުންނަށް އެންމެ ރަނގަޅު އެތަނަށް އެހެން މީހަކު އަޔަސްވެސް އެކަން ކުރަން އެމީހުންނަށް ފުރުސަތު އޮންނަ ގޮތަކަށް ދެވަނަ ދައުރު ލިބެންޏާ. މިއީ މިކަން ހިނގާގޮތް.

– ހަސަން ވިދާޅުވިއެވެ.

ވަކިވަކި ކުންފުނިތަކުގެ ތެރެއިން ފެނަކައިން އާންމު އެތައް ރައްޔިތުނަށް ދޭންޖެހޭ ފައިސާ ނުދީގެން ދަރާފައިވާކަމަށް ހަސަން ވިދާޅުވިއެވެ. ރައްޔިތުންނާއި މަސައްކަތް ހަވާލުކޮށް އެތައް ބިލަކަށް މިހާރުވެސް ފައިސާ ނުދައްކައި ހުރިކަމަށް ހަސަން ވިދާޅުވިއެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައިވެސް އެތައް ދައުރެއް އެކި މީސްމީހުން ލައްވައި ކޮށް ފައިސާ ނުދައްކާވާކަމަށް ހަސަން ވިދާޅުވިއެވެ.

އިލިޔާސް ހުށަހެޅުއްވި ގަރާރުގައި ބުނީ ކުންފުނިތައް ހިންގުން ދޯދިޔާވުމުގެ ސަބަބުން ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގްސަދު ހާސިލުނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިގްތިސާދީ ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރުކުރުމާއި އަދި ކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ އަމަލުތަކަކީ ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަަކަށް ގޮންޖެހުން ކުރިމަތިވާ ކަމެއް ކަމަށެވެ.

އެގޮތުން ކުންފުނީގެ މާލީ ގާބިލިއްޔަތުކަން ނުބަލާ އެކި ޕްރޮޖެކްޓްތައް ހިންގާ އެ ނޫންވެސް ގޮތްގޮތަށް ހަރަދުކޮށް ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށާއި ވޯކިން ކެޕިޓަލްގެ ގޮތުގައި ވެސް ކުންފުނިން ކުރަން ޖެހޭ ހަރަދުޔައް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ކަމަށެވެ. އެހެންވެ ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ހުޅުވުމާއި ރެގިއުލޭޓް ކުުރުން މޮނީޓާ ކުރުން ހަރުދަނާ ކުރެވޭނެ ގާނޫނެއް އޮތުން މުހިންމު ކަމަށާއި އެކަމަށް ބޭނުންވާ ކަންކަން ތަރުތީބުކުރުމަށް އިލިޔާސް ހުށަހެޅުއްވި ގަރާރުގައި ގޮވާލައިފައި ވެއެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރަން ގަރާރެއް ހުށަހެޅި އިރު ސަރުކާރުގެ ކުންފުނިތައް ކަަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ފެނަކައިން ކުންފުނި ހިންގަމުންދާ ގޮތަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.