ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށް ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭ: އިމްރާން

ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށް ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2023 03:19
0

ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރެވޭނީ ޢިލްމީ ދިރާސާތަކެއް ހަދައިގެންކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕޮލިސް ބޯޑުން އިސްނަގައިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މިއަދު ފެށި ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, މިބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުކަމަށެވެ. އެއް ފިވަޔަޅަށްފަހު އަނެއް ފިޔަވަޅު އަޅަމުން އައިސް މިއަދު މިފަށާ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ މިދިގު މަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރަން ނިކުމެތިއްބެވި މާލިމީންނަށް, (ކޮމިޝަނަރ އޮފް ޕޮލިސްއާއި އެމަނިކުފާނުގެ އެގްޒެކްޓިވް ޓީމަށް) މަގުދައްކައިދޭނެ އަލިގަދަ ބައްތިއަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކޮންފަރެންސް ބޭއްވިގެން މިދަނީ ދިވެހިރާއްޖޭގައި މިފަދަ މަސައްކަތެއްގެ ފުރަތަމަ ތަޖުރިބާއެއްގެ ގޮތުންކަމަށެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ މިފެށުނީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި, ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކަށް މުޅިން އާބޮޅެއް އިތުރުވެގެންދާ ވަރަށް އުފާވެރި ދުވަހެއްކަމަށެވެ.

މިއަދު މިމަސައްކަތް ފެށިގެންދާއިރު ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ތަރުތީބުކުރުމަށް ދިހަ ފަރާތަކުން ރިސަރޗްކޮށް ޕޭޕަރު ހުށަހެޅުމަކީ އަޅުގަނޑުމެންގެ މިމަގަށް އަލިކޮށްދޭނެ ވަރަށްބޮޑު އަލިކަމެއް. ފުރަތަމަ ފަހަރަށް ފުލުހުންގެ ޚިދުމަތް ބައްތަންކުރަންވީގޮތް ޢާއްމުރައްޔިތުން އެކުވެ ގުޅިގެން ދިރާސާވެރިންގެ ހޯދުންތަކާއެކު ހުށަހަޅައިދިނުމަކީ ރާއްޖޭގައި ކުރެވޭ އާ ތަޖުރިބާއެއް.

– މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް މިއަދު ފަށާފައިވާ މަސައްކަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް މިކުރެވޭ މަސައްކަތް ކުރިއަށް ގެންދެވޭނީ އިލްމީ ހަމަތަކާއި ދިރާސާތަކުގެ މަތިން ކޮންފަރެންސްތަކާއި, ސެމިނާތަކާއި, ވޯކްޝޮޕްތައް ބާއްވައިގެންކަމަށެވެ. އެކަމުގައި ކޮލެޖްތަކާއި, ޔުނިވަރސިޓީތަކާ ރިސަރޗް ކުރައްވާ ބޭފުޅުން ފުރިހަމައަށް އެންގޭޖް ވާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިކަމަށް ލިބިގެންނޫނީ ކާމިޔާބުނުވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފުރިހަމަ ފުލުހުންގެ މުއައްސަސާއެއް ޤާއިމްކުރުމަކީ އަޅުގަނޑުމެން އެންމެން އެދޭ އެދުން އަދި އަޅުގަނޑުމެން އެންމެން ބޭނުންވާގޮތް ކަމަށް ވިޔަސް, އެމަގަށް ދިއުމުގައި ހުރި ދަތިތަކާއި, ގޮންޖެހުންތަކުގެ ބޮޑުކަން ރައްޔިތުންނާއި, ދިރާސާކުރާ ފަރާތްތަކާއި އެންމެންނަށް އެކުގައިތިބެ މަޝްވަރާކުރެވި އިނގެންޖެހޭކަމަށެވެ.

މިކަންކަމުން އަރައިގަނެގެން ފުލުހުންގެ އިސްސަފް ތަރުތީބުކޮށް, ރަނގަޅު އޮފިސަރުން ބައްޓަންކުރުމަކީ އަޅުގަނޑު ހިތުން ދައުލަތުން އިސްކަންދޭންޖެހިފައިވާ ކަމެއް. ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދައިދީ އެކަމަށް މަގުފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ ބޮޑު ޒިންމާއެއް. ހަޤީގަތުގައިވެސް މިކޮންފަރެންސް ނިމިގެންދާއިރު މިސަރުކާރުން މިކަމަށް ކޮށްފައިވާ މުހިއްމު މަސައްކަތްތައް ފެނިގެންދާނެކަން އަޅުގަނޑަށް ޔަޤީން.

– މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ފެށި ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. މިކޮންފަރެންސް ފެށީ މީގެ އަހަރެއްހާ ދުވަސްކުރިން ޕޮލިސް ބޯޑްގެ އިސްނެންގެވުމާއެކު މިނިސްޓްރީއާ ފުލުހުންނާ އެކުވެ, ގުޅިގެން ގިނަ މަޝްވަރާތަކަކާއި މަސައްކަތްތަކަކަށްފަހުއެވެ. ކޮންފަރެންސް ފެށުމާ ހަމައަށް އާދެވުނީ ދައުލަތުގެ ވަރަށްގިނަ މުއައްސަސާތަކުގެ އަދި ރާއްޖޭގައި ތިއްބެވި ދިރާސާކުރާ ޤާބިލް ބޭފުޅުންގެ ވަރަށްބޮޑަތި އެހީތެރިކަމަކާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 123321
މާމޮޅު މީހަކައް ހެދިގެން ނޭގޭ ވާހަކަ ދައްކާނެ ކަމެއްނެތް، މިހުރިހާކަމަކުން އެގެނީ ކަލޭގެ ނާގާބިލުކަން، މިޕޮލިސް ބައިގަޑުގެ ނުލަފާކަން ހައްދުންނެއްޓިއްޖެ، އަދިވެސް ދިވެހިރަތްޔިތުންނައް އަނިޔާކުރަން އިތުރުހަތިޔާރު ހޯދުމުގަ، އެމީހުން ލޮލައްޖަހާ ޕެޕަރ ސްޕްރޭެަކީވެސް އެކްސްޕަޔަރ ވެފަހުރި އެއްޗެހިނޫންކަމެއްވެސް ނޭގޭ، އަހަރެމެންގެ ހައްގެކޭ ޙިޔާލު ފާޅުކުރުމަކީ، އަހަރެމެންގެ ހައއްގު ނިގުޅައިގަންނަން ކަލޭގެ އައުވާނުން އަހަރެމެނައް އަނިޔާކުރަން ފޮނުވުމުގެ ހައްގެއް ކަލެޔަކައް ނޮއޮންނާނެ، ބާރުތައް ފެށިގެން އަންނަނީ ރަތްޔިތުންގެ ކިބައިން