ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށާ، އެކަން ޤަބޫލުނުކުރެވޭ އެމްޑީޕީގެ މެމްބަރުގެ ތެރެއިން ސިޔާސީ އެކި މަޤާމުތަކުގައި ތިބި މީހުން އިސްތިއުފާދިނުމަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު ޤަސަމް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ދުވަސްވީ މެމްބަރެއްކަމަށްވާ ޤަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީ މެމްބަރުން ވަނީ ގޮތްނިންމާފައިކަމަށެވެ. އެއީ އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙުކަމަށް ނިންމި ނިންމުންކަމަށާ، މިކަންޤަބޫލުނުކުރެވިގެން ފިކުރުކޮށްކޮށްތިއްބެވި އެމް.ޑީ.ޕީސްލޮޓްގައި ސިޔާސީމަޤާމުތަކުގައި ތިބި އެންމެ ބޭފުޅުން މަޤާމުތަކުންއިސްތިއުފާދެއްވުމަކީ އެންމެ ރީތިގޮތްކަމަށްދެކޭކަމަށްވެސް ޤަސަމް ވިދާޅުވިއެވެ.
ޕާޓީ މެމްބަރުން ވަނީ ގޮތްނިންމާފަ އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބޫ މިކަންޤަބޫލުނުކުރެވިގެން ފިކުރުކޮށްކޮށްތިއްބެވި އެމް.ޑީ.ޕީސްލޮޓްގައި ސިޔާސީމަޤާމުތަކުގައި ތިބި އެންމެ ބޭފުޅުން މަޤާމުތަކުންއިސްތިއުފާދެއްވުމަކީ އެންމެ ރީތިގޮތްކަމަށްދެކެން. pic.twitter.com/PjOAfWnoEP
— Mohamed Gasam (@MGasam) March 15, 2023
މިދުވަސްވަރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދައި އެކިއެކި ގޮތްތައް ސިޔާސީ ޕާޓީތަކާއި ލީޑަރުން ނިންމާ ދުވަސްވަރެވެ. އެގޮތުން މިހާރުގެ ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީންވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކޮށް ކޯލިޝަން ހެދުމުގެ ބަދަލުގައި ވަކިން އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. މިއާއެކު މިހާރުގެ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުން އިސްތިއުފާދެއްވަން ގޮވަލާ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތްކުރާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅުންނަކީ ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމާ ދެކޮޅަށް ޖުމްހޫރީ ޕާޓީއަށް ހިތްވަރުދެއްވައި މަސައްކަތްކުރި ބަޔެކެވެ. އެހެންކަމުން ރައީސް ޞާލިޙަށް ތާޢީދުކުރާ މީހުންގެ ނުރުހުން ނާޝީދާއި އެފެކްޝަނުގެ މީހުންނަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ