މިޑްފީލްޑަރ ކަސެމީރޯއަށް ރަތް ކާޑް ދެއްކި މެޗުގައި, ތާވަލްގެ ފުލުގައި އޮތް ސައުތުހެމްޓަން އަތުން ސަލާމަތްނުވެ މެންޗެސްޓަރ ޔުނައިޓެޑް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑަށް ލީޑުނަގައިދޭން މާކަސް ރަޝްފޯޑަށް ލިބުނު ފުރުސަތުގެ .ބޭނުން ނުހިފުނުއިރު، ސައުތެމްޓަންގެ ތިއޯ ވޮލްކޮޓް ބޮލުން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ. ޔުނައިޓެޑަށް މައްސަލަ ދިމާވީ ކަސެމީރޯ އަށް 34 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ. ކަސެމީރޯ ކުރި ފައުލަކަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރް އިން ބަލާފައި ނިންމީ ރަތެއް ކަމަށެވެ. މިއީ ލީގުގައި އެންމެ ފަހުން ކަސެމީރޯ ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ދެ ވަނަ ރަތް ކާޑެވެ. ސީޒަނުގެ ދެ ވަނަ ރަތް ކާޑާ އެކު ކަސެމީރޯ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ ސައުތެމްޓަން ކީޕަރު ބަޒޫނޫ އަތުގައި ޖެހިފައި އަމާޒުވީ ދަނޑިއަށެވެ. ލީގު ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން މޮޅުވާން ކުރި މަސައްކަތުގައި ޖޭމްސް ވޯޑް ޕްރައުސް ޖެހި ހިލޭ ޖެހުމެއް ހުރަސްދަނޑީގައި ޖެހިފައި ބޭރުވިއިރު، ކައިލް ވޯކާ ޕީޓާސް ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗަށް ނިކުތް އިރުވެސް ޔުނައިޓެޑް އޮތީ ހަތަރު ވަނައިގައެވެ. ޔުނައިޓެޑް މިހާރު ހަތަރު ވަނައިގައި އޮތީ 26 މެޗުން 50 ޕޮއިންޓާއެކުއެވެ. ސައުތުހެމްޓަންއަށް ތާވަލްގެ ފުލުން ސަލާމަތްވާން ލިބުނު ރަނުގެ ފުރުޞަތު ބޭނުން ނުކުރެވި އަދިވެސް އޮތީ ފުލުގައެވެ. އެއީ 22 ޕޮއިންޓާއެކުއެވެ. ވެސްޓްހޭމް ޔުނައިޓެޑް ވަނީ އެސްޓަން ވިލާ އަތުން ޕޮއިންޓެއް ހޯދައިގެން ރެލިގޭޝަނުން ކުރިއަށް ޖެހިލާފައެވެ.