ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ހޯރަފުށީ މުހައްމަދު ސަލީމަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
އެ އާއިލާއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ސަލީމަށް ހާޓް އެޓޭކް ޖެހުނީ ފަތިހު ކަމަށެވެ. އެއާއެކު، ވަގުތުން އޭޑީކޭއަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ. އެ ހޮސްޕިޓަލުން މިހާރު އަންނަނީ ސަލީމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަމުންނެވެ. އެހެންވެ، އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އާއިލާއަކަށް ވެސް އަދި ނޭނގެއެވެ.
އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން 1984 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަން ފެއްޓެވި ގޮތަށް، ހަވީރު ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި މިއަދު ނޫހުގައިވެސް މަސައްކަތް ކުރެއްވިއެވެ.
އޭގެ އިތުރުން، އޭނާއަކީ ނޫސްވެރިކަމުގެ ގައުމީ އިނާމުވެސް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ރަންޔޫބިލް ގަލަމާއި، އަލިމަސް ގަލަންވެސް އޭނާއަށް ލިބިވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް މައުމޫން އައްޔަން ކުރެެއްވި 8 ބޭފުޅުންގެ ތެރޭގައި ވެސް ހިމެނުނު ސަލީމަކީ، މައުމޫން އުފެއްދެވި ސިޔާސީ ޕާޓީ، ޑީއާރްޕީ ރަޖިސްޓްރީކުރުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ