އެއްވެސް ޤައުމެއްގައި ޕާޓީއާއި ދެކޮޅު ހަރަކާތް ހިންގަމުން ޕާޓީގެ އިސް މަޤާމެއްގައި ނުހުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުގައި ރައީސް ނަޝީދު ހުންނަވައިގެން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހާއި ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައެވެ. ރައީސް ނަޝީދު ގެންދަވަނީ ޕްރައިމަރީގައި ބަލިވުމަށްފަހު ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ފަށާފައެވެ. އަދި ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވެ ރައީސް ޞާލިހަށް ދެވަނަ ދައުރެއްދިނުމާއި ދެކޮޅު ހަދަމުންނެވެ.
ޝަރީފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަމިއްލަ ޕާޓީއާއި ދެކޮޅަށް ހަރަކާތްތައް ހުިންގަމުން ޕާޓީގެ އިސް މަޤާމެއްގައި ނުހުރެވޭނެކަމަށެވެ. ނަމަވެސް ރާއްޖޭގައި އެކަންވެސް ދަނީ ހިނގަމުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވެސް ތަނެއްގައި އެންޓި-ޕާޓީ ހަރަކާތް ހިންގަމުން ޕާޓީގެ އިސް މަޤާމެއްގައި ނުހުރެވޭނެ. ރާއްޖޭގައި އެހެނަސް އެމަގަށް އެކަން އެބަ ހިނގާ.
– ޝަރީފް ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް %61 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ.
މި ޕްރައިމަރީގައި ނުކުތް ނަތީޖާ، ނަޝީދު ގަބޫލު ކުރެއްވި ނަމަވެސް އެމަނިކުފާނު މިހާރު ނިންމަވާފައި ވަނީ އެމްޑީޕީގެ ތެރެއިން ސިޔާސީ ވަކި ހަރަކާތެއް ހިންގުމަށެވެ. ނަޝީދު ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށް ވިދާޅުވެފައެވެ.