ކުޑަގިރި ފަރަށް އެރި ބޯޓު 3 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކުޑަގިރި ފަރަށް އެރި ބޯޓު 3 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

Author
ހުސެއިން
07 މާރޗް 2023 12:22
0

ކ.އަތޮޅު ތިލަފުށީ ކުޑަގިރި ފަރަށް އެރި ބޯޓު އީޕިއޭއިން 3 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

AM MSV. MARIA SINTHAYATHIRAI RIYANA ނަމަކަށް ކިޔާ ބޯޓު ކ. އަތޮޅު ތިލަފުށީ ކުޑަގިރިއަށް އަރާފައިވަނީ  31 ޖެނުއަރީ 2023 ގައެވެ.

އީޕީއޭއިން ބުނެފައިވަނީ، މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުން ސާރވޭކޮށް ސާރވޭ ރިޕޯޓު އެ އެޖެންސީއާ ޙިއްސާކޮށްފައި ވާކަމަށެވެ. އަދި ހަމައެހެންމެ އެ އެޖެންސީގެ ސަރވެޔަރުން އެ ސަރަޙައްދަށް ގޮސް ސަރވޭއެއް ކޮށްފައި ވާކަމަށެވެ.

މިގޮތުން، ބޯޓުގެ ވެރިފަރާތުން އެ އެޖެންސީއަށް ޙިއްސާކޮށްފައިވާ ސާރވޭ ރިޕޯޓަށާއި އެ އެޖެންސީން އެ ސަރަޙައްދަށް ގޮސް ކޮށްފައިވާ ސާރވޭގެ، ސާރވޭ ރިޕޯޓަށް ރިޢާޔަތްކޮށް MSV. MARIA SINTHAYATHIRAI RIYANA އުޅަނދު ތިލަފުށި ކުޑަގިރި ފަރަށް (RF0563) އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަޙައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި ވާކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

އީޕީއޭއިން ބުނެފައިވަނީ، މި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު: 2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 3,098,710.00ރ (ތިން މިލިއަން ނުވަދިހަ އަށްހާސް ހަތްސަތޭކަ ދިހައެއް ދިވެހި ރުފިޔާ) އިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ Smt.T.Jesintha ވަނީ ޖޫރިމަނާކުރެވިފައި ވާކަމުގައެވެ.

އަދި، 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް 28 ފެބްރުއަރީ 2023 ގައި ވަނީ އެންގިފައިވާކަންވެސް އީޕީއޭއިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.