ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީ ހުކުރުދުވަހު

ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީ ހުކުރުދުވަހު

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2023 06:53
0

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕީޕީއެމުން ބުނީ، ގުރައިދޫ ދާއިރާއަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް މިއަދުން ފެށިގެން މާދަމާ މެންދުރު 14:30އާ ހަމައަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހުކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ ޕީޕީއެމްގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީނާއި އެމްއެންޕީންނެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރުކަމުގެ ހުންނެވި އިބްރާހީމް ރިޒާ މިދިޔަމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެނެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުންް ގެންދެވި ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ. ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުންނެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށްް ކަނޑައެޅުއްްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސްް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.