ﷲގެ ޙަޟްރަތު ގައި އެންމެ ބޮޑުވެގެންވާ ރިބާ އަކީ އަބުރަށް އަރައިގަތުން: ޚުޠުބާ

ﷲގެ ޙަޟްރަތު ގައި އެންމެ ބޮޑުވެގެންވާ ރިބާ އަކީ އަބުރަށް އަރައިގަތުން: ޚުޠުބާ

ގުޅުންހުރި

ﷲ ގެ ޙަޟްރަތު ގައި އެންމެ ބޮޑުވެގެންވާ ރިބާ އަކީ، މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަކޮށްގަތުން ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު މުޖުތަމައުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުންކަމުގައިވާ ގެވެށި އަނިޔާ އަށް މިއަދުގެ ހުތުބާވަނީ ތަފްސީލީ ގޮތަކަށް އަލި އަޅުވާލައި، އެކަމުގެ ނުރައްކާތެރިކަމާއި، ހުރި އަޒާބުގެ މައްޗަށް ބަލާލާފައެވެ. ގެވެށި އަނިޔާގެ ތެރޭގައި ފިރިން އަނބިންނަށް، އަދި އަނބިން ފިރިންނަށް ކުރާ އަނިޔާ އާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާ އާއި، ދަރިން މައިންބަފައިންނަށް ކުރާ އަނިޔާ އާއި، ޢާއިލާގެ މެންބަރުން އެކަކު އަނެކަކަށް ކުރާ އަނިޔާތަކާއި، އިންސާފުން ބޭރު ތަފާތު ކުރުން ފަދަ ޢަމަލުތައް ހިމެނެއެވެ.

އަންހެނުންނަށާއި، ކުޑަކުދިންނަށް ދެވޭ އަނިޔާ އާއި، ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާ މެދު މުސްލިމުން ކަންބޮޑުވާން ޖެހޭކަމަށެވެ. މި ކުޑަ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ކުރާ މިފަދަ ކުށްތަކުގެ ވެފައިވާ ފަރާތްތައް މިއަދު ވަނީ ނަފްސާނީ ބިރުވެރިކަމެއް އިޙްސާސް ކުރަން ޖެހިފައިކަމަށް ހުތުގާގައި ބުނެފައިވެއެވެ.

ﷲ ގެ ޙަޟްރަތު ގައި އެންމެ ބޮޑުވެގެންވާ ރިބާ އަކީ، މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަކޮށްގަތުމެވެ. އިސްލާމް ދީން ސާފު ޞަރީޙަ ބަހުން ބަޔާންކޮށްދޭ ގޮތުގައި މުސްލިމާގެ އަބުރާއި، އޭނާގެ ޢިއްފަތްތެރިކަމާއި އަދި އޭނާގެ ލެޔާއި، މުދަލަކީ ޙުރްމަތްތެރިކުރައްވާފައިވާ ތަކެއްޗެވެ.

– ހުތުބާގައި ބުނެފައިވެއެވެ.

ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި މުޖްތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަކަށްވާއިރު، އަނިޔާގެ ސަބަބުން މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އަރާރުންތައް އުފެދި، ޢާއިލާތައް ރޫޅިގެން ދާކަމަށެވެ. ތިމާ ދިރިއުޅޭ ވެށީގައި އަނިޔާ އިތުރުވެ، އޭގެ ދާއިރާ ފުޅައުވެގެން ދިއުމުން، ޅަދަރީންގެ ޙައްޤުތައް ގެއްލި، އެ ކުދީންގެ ޙަޔާތް ބަރުބާދުވެގެން ދާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމްދީން ސިފަ ކުރާ ގޮތުގައި ކުޑަކުއްޖާގެ ތުއްތު ދުވަސް ވަރަކީ ބާއްޖަވެރިކަމާއި، ރީތިކަމާއި، އުފާވެރި ހުވަފެންތަކާއި، ލޯތްބާއި، ޚިޔާލުގެ ރީތި ދުނިޔެއެކެވެ. ދަރިންނަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ހިތްހަމަޖެހުމެކެވެ.

– ހުތުބާގައިވެއެވެ.

އަނިޔާވެރިވުމާއި ގޯނާ ކުރުމަކީ މުޖުތަމަޢާއި، ޢާއިލާތަކަށް ހުރި ހަޑިހުތުރު ޢަމަލެއްކަން ބަޔާންކޮށް ހުތުބާގައި ބުނެފައިވަނީ މީހަކު އޭނާގެ އަނބިމީހާ އަށް ގޯނާ ކުރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށެވެ. މާތް ﷲ ފިރިންނަށް އަންގަވާފައި ވަނީ، އެ މީހުންގެ އަނބިންނާ އެކު ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަށެވެ.

މަގުމަތީގައްޔާއި، ބާޒާރުމަތީގައްޔާއި، އޮފީސް އޮފީހުގައި މީސްމީހުންނަށް ގޯނާ ކުރުމަކީ މިއަދު މުޅި މުޖްތަމަޢުގައި ފެތުރިފައިވާ ވަބާއެއްކަމަށް ހުތުބާގައި ވެއެވެ. ޒަމާނީ ފިޤްހީ މައްސަލަތައް ދިރާސާ ކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެއީ ބިމުގައި ފަސާދަކުރުން ފަދަ ކަމެކެވެ. މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި މުވައްޒަފަކަށް ބިރުދެއްކުމަކީ ނިރުބަވެރި ޢަމަލެއްކަމަށެވެ. އެއީ މާތް ﷲ މަނާ ކުރައްވާފައިވާ ކަމެއްކަމަށާއި، އެއީ މުސްލިމުންގެ ކިބާގައި ހުރެގެން ވާނެ ސިފައިއެއް ނޫންކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ