އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 2025 ވަނަ އަހަރު މުޅިން ނިމޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު އިޔާދު ވިދާޅުވީ، 2025ވަނަ އަހަރުގެ ކުރީކޮޅު މިމަޝްރޫޢު މުޅިން ނިންމައި ބޭނުންކުރަން ފެށޭނެކަމަށެވެ. ކުރިއަށްއޮތް މަހެއްހައި ދުވަހުގެތެރޭގައި މިމަޝްރޫޢުގެ ކޮންޓްރެކްޓަރ މަސައްކަތު ސައިޓުގައި މޮބިލައިޒްކޮށް މަސައްކަތް ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރާވާފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަށް ބުރޫނާރައި ކުރިއަށް ގެންދިއުމަށެވެ. އެއަރޕޯޓު އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށްދެވޭނެގޮތަށް މަސައްކަތްތައް ރާވާލެވި، އެއަރޕޯޓު ފުލީ އޮޕަރޭޝަނަލްކޮށް ބާއްވައިގެން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށްވެސް އިޢާދު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު އިއްޔެ ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރާއި، ޓްރާންސްޕޯޓު މިނިސްޓަރު ޢައިޝަތު ނަހުލާވެސް ވަނީ ބައިވެރިވެޑައިގެންފައެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ އެއަރޕޯޓު ތައްޔާރު ކުރުމަށް ސަރުކާރުން މިއަދު ސޮއި ކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއެކުއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްޑީ ގައިސް ނަސީރުއެވެ. އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން ސިލްވަސުންދަރަމްއެވެ.
ޖުމްލަ 17 މިލިއަން ޑޮލަރު، ނުވަތަ 272 މިލިއަން ދިވެހި ރުފިޔާ މި ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކުރެޑިޓްގެ ދަށުންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މިމަޝްރޫޢުގެ ދަށުން ޑިއުޓީ ފްރީ ޝޮޕްތަކާއި ލައުންޖު ތަކާއި، ރެސްޓޯރަންޓްތަކާއި ކާގޯ ފެސިލިޓީ ތަކާއި، މަގުތަކާއި ޕާރކިންގ އޭރިއާގެ އިތުރުން، އަހަރަކު 1.5 މިލިއަން ޕަސެންޖަރުންނަށް ޚިދުމަތް ދެވޭ މިންވަރަށް ޕަސެންޖަރ ޓަމިނަލް ބޮޑު ކުރެވިގެންދާނެ ކަމުގައެވެ.