ތަގުވާވެރިވާ މީހުންނަށް ﷲ ތަނަވަސްކަން ދެއްވާނެ: ޚުޡުބާ

ތަގުވާވެރިވާ މީހުންނަށް ﷲ ތަނަވަސްކަން ދެއްވާނެ: ޚުޡުބާ

Author
ހުސެއިން
03 މާރޗް 2023 01:27
0

މާތް ﷲއަށް ތަގުވާވެރިވާ މީހުންނަށް އެކަނލާގެ ތަނަވަސްކަން ދެއްވާނެ ކަމަށާއި، ތަގުވާވެރި ވުމަކީ އެކަނލާގެއަށް އަދާކުރަންޖެހޭ އަޅުކަންތަކަށް ފަރުވާތެރިވެ، ނަހީކުރެއްވި ހުރިހާ ކަންތަކާ ދުރުވުން ކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ޙަޤީޤީ ޙަޔާތަކީ އުޚްރަވީ ޙަޔާތް" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވި ގޮތުގައި، ﷲ ގެ މަގަށް ފުރަގަސްދީ، މޫނު އަނބުރާލައިފި މީހެއްގެ ދިރިއުޅުން އެކަނލާގެ ދަތި ކުރައްވާނެކަން ދަންނަންވާނެ ކަމުގައެވެ.

މުސްލިމް އަޚުންނޭވެ! ހަމައެކަނި ދުނިޔެވީ ކަންކަމުގައި، މަޝްޢޫލުވެ، އުޚްރަވީ ހަޔާތް ހަނދާން ނައްތާ ނުލާށެވެ! އަހުރެމެންގެ މުދަލާއި، ދަރީންނަކީ، މާތް ﷲ ގެ މަގުން އަހުރެމެން އެއްކިބާކުރާ އެއްޗެއް ކަމުގައި ނުހަދާށެވެ. އެއިރުން މާތް ﷲ އަހުރެމެންގެ މައްޗަށް އެކަނލާގެ ބަރަކާތުގެ ދޮރުތައް ހުޅުއްވައި ދެއްވާނެއެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި، ހުރިހާ އެންމެންވެސް ދުނިޔެވީ މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، އެހެންނަމަވެސް އެއީ މާތް ﷲ ރުއްސަވާ ގޮތަށް ކުރާ މަސައްކަތްތަކަށް ވާންޖެޭެނެ ކަމުގައެވެ. އަދި އެއީ މާތް ﷲ ގެ މަގުން އެއްކިބާކުރާ މަސައްކަތަކަށް ހަދައިގެން ނުވާނެކަން ބަޔާން ކުރައްވަމުން، މިއަދުގެ ޚުޡުބާގައި ވިދާޅުވެފައިވަނީ، ދުންޔަވީ ކަންކަމާމެދު މަޝްޢޫލުވެ، އުޚްރަވީ ހަޔާތް ހަނދާން ނައްތާލުމަކީ އަމިއްލަ ނަފްސުގެމަތީން ހަނދާން ނައްތާލުން ކަމުގައެވެ.

ބައެއް އަފްރާދުންގެ އަމަލުތައް ހުންނަނީ ހިތާމަކުރަން ޖެހޭފަދަ ގޮތަކަށެވެ. އެބައި މީހުން ދުނިޔެއާމެދު ދަހިވެތިވެ، މުދަލާއިގެން މަޝްޢޫލުވުމުގެ ސަބަބުން، ނަމާދުކުރާކަށް ވަގުތެއް ނެތެވެ. މުދާ ހޯދުމުގައި ޙަރާމެއް ޙަލާލެއް ބެލުމެއް ނެތެވެ. މީހެއްގެ ޙައްގަކަށް އަރައިގަތުމަކީ، އެއްވެސް ކަމެއް ކަމުގައި އެފަދަ މީހުން ނުދެކެއެވެ. ތިމާގެ ލާބަޔާއި މަންފާއަށްޓަކާ އަނެކާއަށް ބޮޑު ގެއްލުމެއް ލިބުނަސް އަޅާލުމެއް ނެތެވެ. ދުންޔަވީ ކަންކަމާހެދި ތިމާގެ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާ ގުޅުން ކަނޑާލައެވެ. އެފަދައިން ކަންތައްތައް ކުރަމުން ދާއިރު، އެބައިމީހުން މަރުވާނެކަމާއި، އެއަށްފަހު މާތް ﷲ ގެ ހަޒުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ނެތީބާވައެވެ؟

މިއަދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައިވަނީ މާތް ﷲ ދެއްވާފައިވާ އުމުުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.