ހުސްވެފައިވަ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮޑިއަށް ވާދަކުރާ އިދިކޮޅު ކެނޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން އެކޯލިޝަންގެ ލީޑަރޝިޕް މާދަމާ ގުރައިދޫ ދާއިރާއަށް ދަތުރު ކުރުމަށް ހަމަޖެހިއްޖެއެވެ.
ގުރައިދޫ ދައިރާގެ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިމަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ.
ޕީޕީއެމްގެ ގޮޑިއެއް ފުރުއްވި އަދި ޕީޕީއެމްއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރިޒާ އަވަހާރަ ވުމާއި ގުޅިގެން ބާއްވާ މިއިންތިޚާބުގައި އެކޯލިޝަން އަދި ކެނޑިޑޭޓަކު ކަނޑައަޅާފައި ނުވެއެވެ. ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މާދަމާ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ގުރައިދޫ ދާއިރާއަށް ދާނެކަމަށެވެ. މިދަތުރުގައި ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރުން އަމަލުކުރި ގޮތް ރައްޔިތުންނަށް ހިއްސާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޕީ.ޕީ.އެމް/ޕީ.އެން.ސީ ލީޑަރޝިޕް މާދަމާ ކ.ގުރައިދޫ ދާއިރާއަށް ދަތުރު ކުރައްވާނެ. ގުރައިދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިސަރުކާރުން އެދާއިރާގެ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނާއި ހެދިހާ ދޮގުތައް އަޅުގަނޑުމެން ހަނދާން ކޮށްދޭނަން. ވޯޓަށް 2 ކޮމަންޑޫ ގުޅާލަން ޖައްރާފުވެސް ގެންދިޔަ. މަސައްކަތްވެސް ގޮތަކަށް ފެށި. ވޯޓް ނިމުމާއެކު މަސައްކަތް ހުއްޓާލި. ޖައްރާފުވެސް އެތަނުން އެހެންތަނަކަށް ފޮނުވާލި. ކ.ގުރައިދޫ ދާއިރާގެ ރައްޔިތުން މިކަންކަމަށް ޔަޤީނުންވެސް ވިސްނަވާނެކަން ޔަޤީން.
– ޝުޖާ ވިދާޅުވިއެވެ.
ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވާދަކުރުމަށް ހަތަރު މީހަކު ވަނީ ކުރިމަތިލާފައެވެ. ޕްރައިމެރީގައި ވާދަކުރަން ނަން ހުށައެޅުމަށް މިދިޔަ މަހުގެ 27ގައި ހުޅުވާލި ފުރުސަތު މިމަހުގެ 2 ވަނަދުވަހު ވަނީ ހަމަވެފައެވެ.
އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރާ ކެނޑިޑޭޓުން:
1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
4- ސައީދު – ވެލި / ކ. ގުރައިދޫ
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާގެ ބައި- އިލެކްޝަން އަންނަ އޭޕްރިލްމަހުގެ 15ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. ގުރައިދޫ ދާއިރާގައި ގުރައިދޫގެ އިތުރުން ދެން ހިމެނެނީ މާފުއްޓާއި ގުޅިއެވެ.
ކޮމެންޓު ފޮނުވާ