ވެރިކަންކުރާ ޕާޓީގެ ކެނޑިޑޭޓް ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި، އިދިކޮޅުން ނަތީޖާ ގަބޫލެއް ނުކުރި

ވެރިކަންކުރާ ޕާޓީގެ ކެނޑިޑޭޓް ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި، އިދިކޮޅުން ނަތީޖާ ގަބޫލެއް ނުކުރި

Author
ހުސެއިން
01 މާރޗް 2023 06:09
0

ނައިޖީރިއާގެ ވެރިކަންކުރާ ޕާޓީގެ ކެނޑިޑޭޓް ބޯލާ ޓިނުބު އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފިއެވެ.

ޓިނުބު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިކަން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަންއިން އިއުލާން ކުރުމާއެކު، ވެރިކަންކުރާ އޯލް ޕްރޮގްރެސިވްސް ކޮންގްރެސް ޕާޓީންވަނީ، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް އިދިކޮޅު ޕާޓީއަށް ގޮވާލާފައެވެ.

އެހެންނަމަވެސް ޓިނުބުއާއި ޖެހިގެން އެންމެ ގިނައިން ވޯޓު ލިބުނު އަޓިކު އަބޫބަކުރުއާއި، އަދި ޕީޓަރ އޮބި، ވަނީ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް ދާނެކަމަށް ބުނެފައެވެ. އޮބްޒާވަރުން ބުނެފައިވަނީ ވޯޓުލުން ކުރިޔަށް ގޮސްފައިވަނީ، ސުލްހަވެރިކަމާއެކު ކަމަށާއި، އެހެންނަމަވެސް ވޯޓުލުން ލަސްވެ، ބައެއް މީހުންނަށް ޖެހިގެން އައިދުވަހުވެސް ވޯޓުލާން ޖެހުނު ކަމަށް ބުނެފައި ވެއެވެ.

މި ރިޔާސީ އިންތިޚާބުގައި މީހުން ވޯޓު ލާފައިވަނީ އާދަޔާ ޚިލާފަށް މަދުންނެވެ. ނައިޖީރިއާގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 87 މިލިއަން މީހުން ތިބި ނަމަވެސް، އިންތިޚާބުގައި ވޯޓު ލާފައިވަނީ އެންމެ 25 މިލިއަން މީހުންނެވެ. އެއީ ވޯޓު ލިބިމުގެ ހައްގު ލިބިފައިވާ 29 މީހުންނެވެ.

2019ވަނަ އަހަރު ބޭއްވުނު، އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވަނީ 35 އިންސައްތަ މީހުންނެވެ.

އިންތިޚާބު ކާމިޔާބުކުރި ޓިނުބުއަށް އިންތިޚާބުގައި 37 އިންސައްތަ ވޯޓު ލިބިފައި ވެއެވެ. އެއީ 8.8 މިލިއަން ވޯޓެވެ. އޭނާއާއި ވާދަކުރި އިދިކޮޅު ކެނޑިޑޭޓު ކަމުގައިވާ އަބޫބަކުރަށް ލިބިފައިވަނީ 29 އިންސައްތަ ވޯޓެވެ. އެއީ 7 މިލިއަން ވޯޓެވެ.

ނައިޖީރިއާގެ އިންޑެޕެންޑެންޓް ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން އިން އިއުލާން ކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުން، ތިންވަނައަށްދިޔަ ކެނޑިޑޭޓު، އޮބިއަށް 25 އިންސައްތަ ވޯޓު ލިބުނުއިރު އެއީ 6.1 މިލިއަން ވޯޓެވެ.

މި އިންތިޚާބަކީ ނައިޖީރިއާގައި ބޭއްވުނު އެންމެ އިންސާފްވެރި އިންތިޚާބުގެ ގޮތުގައި ސިފަވެގެން ދިޔަނަމަވެސް، ވޯޓުލަމުން ދިޔައިރު، ވޯޓުލުމުގައި ބޭނުންކުރަމުންދިޔަ އާ ޓެކްނޮލޮޖީ ރަގަޅަށް މަސައްކަތް ނުކުރުމާއި ގުޅިގެން، ވޯޓުގައި މައްސަލަތައް ކުރިމަތިވެފައި ވެއެވެ.

އަދި އިދިކޮޅު ކެނޑިޑޭޓުން ބުނެފައިވަނީ، މި ކުރިމަތިވެދިޔަ މައްސަލަތަކަކީ ގަބޫލުކުރެވޭނެ ކަންކަން ނޫންކަމަށާއި، ނަތީޖާ ގަބޫލު ނުކުރާނެ ކަމުގައެވެ. އަދި އިންތިޚާބުގައި މަކަރު ހަދާފައިވާކަމުގެ ސާފު ހެކި ހުރިކަމަށްވެސް އިދިކޮޅު ކެނޑިޑޭޓުން ބުނެފައި ވެއެވެ.

ނައިޖީރިއާގެ މިހާރުގެ ރައީސް މުހައްމަދު ބުޚާރީވެސްވަނީ ނަތީޖާ ގަބޫލުކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ. އަދި އިލެކްޓޯރަލް ކޮމިޝަންގެ އިޚްލާސްތެރިކަމާމެދު ސުވާލު ނުއުފެއްދުމަށް އިލްތިމާސްކުރަމުން އޭނާ ވިދާޅުވެފައިވަނީ، މި ނަތީޖާއިން ދައްކުވައިދެނީ، ހުޅަނގު އެފްރިކާގެ އެގައުމުގައި ޑިމޮކްރަސީ ފައްކާވަމުންދާ ކަންކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.