އަމިއްލަ ނަފްސަށް އަނިޔާ ކުރުމާއި، ގޯނާކުރުން ވަނީ ނަހީ ކުރައްވާފަ: ޚުޡުބާ

އަމިއްލަ ނަފްސަށް އަނިޔާ ކުރުމާއި، ގޯނާކުރުން ވަނީ ނަހީ ކުރައްވާފަ: ޚުޡުބާ

Author
ހުސެއިން
24 ފެބްރުއަރީ 2023 01:23
0

މާތް ﷲ ވަނީ އަމިއްލަ ނަފްސު ރައްކާތެރިކުރުން ވާޖިބު ކުރައްވާފައި ކަމަށާއި، އަމިއްލަ ނަފްސަށް އަނިޔާ ކުރުމާއި ގޯނާކުރުން ވަނީ ނަހީ ކުރައްވާފައި ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ނަފްސު ރައްކާތެރިކުރުން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި، މާތް ﷲ ވަނީ ނަފުސުގެ ހައްގުތައް އަދާކުރުމަށް އަމުރު ކުރައްވާފައެވެ.

މިގޮތުން އަމިއްލަ ނަފްސަކީ އިންސާނުންނަށް އަމިއްލައަށް އުފެއްދޭނެ އެއްޗެއް ނޫންނަކަމާއި، ހަލާކުވުމުން މަރާމާތުކޮށް ރަގަޅު ކޮށްލެވޭނެ އެއްޗެއްވެސް ނޫންކަން ބަޔާން ކުރައްވަމުން، ޚުޡުބާގައި ވިދާޅުވެފައިވަނީ ތިމާގެ ނަފްސާއި އެހެން މީހުންގެ ނަފްސު ރައްކާތެރި ކުރުމާއި ނުރައްކަލަށް ހުށަ ނޭޅުމަކީ އިޙްސާންތެރިކަމުގެ ތެރެއިން ވާކަމެއް ކަމުގައެވެ.

މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާއި ޚިލާފަށް، އެގައްމު އުޅަނދުތަކާއި، ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ، ނަފްސު ހަލާކަށް އެއްލައިލުމެވެ. މަގުމަތީގައި، ނުވަތަ ކަނޑުމަތީގައި، އެކަކު އަނެކަކާ ވާދަކޮށް، ރޭސް ޖެހުމަކީ، ނަފްސު ހަލާކަށް ހުށަހެޅުމެވެ. ވަރުބަލިވެ، ނިދިއައިސް ތާއްޔާ ޖެހެމުންދާ ހިނދު، ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ޙާލުގައި، މަގުމައްޗަށް ނުކުމެ އުޅުމަކީވެސް ނަފްސު ހަލާކަށް އެއްލައިލުމެވެ. ފޯނާއި ކުޅެމުން އުޅަނދުފަހަރު ދުއްވަނިކޮށް އެކްސިޑެންޓް ވަނީ ކިހާވަރަކަށް ހެއްޔެވެ؟ މަގުމަތި އޮތީ ހުސްކޮށް ކަމަށް ހީކޮށް، ހިސާބަށްވުރެ ބާރަށް ދުއްވަމުން ދަނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގާފައި ހުރީ ކިތައް ފަހަރު ހެއްޔެވެ؟

މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި، މިފަދަ އަމަލުތަކުގެ ނަތީޖާއަކީ މައިންބަފައިން ހިތާމައިގެ ކަނޑަކަށް ޣަރަގު ވެގެން ދިއުމެވެ. ޅަ ދަރީން ޔަތީމުވެ އެ ކުދީންގެ ކުރިމަގު ބަނަވެގެން ދިއުމެވެ. ގައުމަށް ފައިދާހުރި ހަކަތަތަކެއް ގެއްލިގެން ދިއުމެވެ. އާއިލާއަށް ބަރުދާސްތު ނުކުރެވޭވަރުގެ ހިތާމަތައް ލިބިގެން ދިއުމެވެ.

ޚުޡުބާގައި ބަޔާން ކޮށްފައިވަނީ މިފަދަ ގެއްލުންތަކަކީ އެތައް ބަޔަކަށް ލިބިގެންދާ ގެއްލުންތަކެއް ކަމަށާއި، މުސްލިމުންނަކީ މީހުންނަށް ގެއްލުންދޭ ބައެއް ނޫންކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.