މިއަހަރު އަންނާނެ އެންމެ ރީތި އެއް ތާރީޚުކަމަށްވާ މިއަދުގެ ތާރީޚު (23.02.23)ގައި މާލޭ ސަރަހައްދުން 38 ކައިވެނި ކުރަން ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު ރަސްމީ ގަޑީގައި 19 ކައިވެނި ކުރަން ހަމަޖެހިފައި ވާކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ވެސް ކުރަން ހަމަޖެހިފައި ވަނީ 19 ކައިވެނިކަމަށެވެ. މި ދުވަސްކޮޅު ކައިވެނި ކުރާ އަދަދު ދަށްވެފައި ވާކަމަށް މިއަދު ފެމިލީ ކޯޓުން ބުންޏެވެ. އެގޮތުން ފެމިލީ ކޯޓުގައި މިހާރު ދުވާލެއްގެ މައްޗަށް ކައިވެނިކުރާ އެވަރެޖް އަދަދަކީ ނުވަ ކައިވެންޏާ 10ކައިވެންޏާ ދެމެދު ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.
ރީތި ތާރީޚުތަކުގައި ކައިވެނިކުރުން މިހާރު ރާއްޖޭގައި ވެސް ސަގާފަތަކަށް ވެފައިވާއިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހު ވެސް ފެމިލީ ކޯޓުގައި ގިނަ އަދަދަކަށް ކައިވެނި ކޮށްފައި ވެއެވެ. އެ ދުވަހު ފެމިލީ ކޯޓުގައި ކުރީ 18 ކައިވެންޏެވެ. މިއަހަރު ދެން އަންނަ އެންމެ ރީތި ތާރީޚަކީ މާޗް މަހުގެ 23 ވަނަ ދުވަހެވެ. އެއީ 23.03.2023އެވެ. އެދުވަހު ވެސް މާލޭ ސަރަހައްދުންނާއި އަތޮޅުތެރެއިން ގިނަ އަދަދަކަށް މީހުން ކައިވެނި ކުރާނެކަމަށް ލަފާކުރެވެއެވެ.
މިދިޔަ އަހަރުގެ ރީތި ތާރީޚު ތަކުގައި ވެސް ފެމިލީ ކޯޓުގައި ގިނަ ކައިވެނި ތަކެއް ކޮށްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރީ، އެއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައެވެ.
މިދިޔަ އަހަރު ދެން އައި އެންމެ ރީތި ތާރީޚަކީ 02.02.22 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހު ވެސް ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން ގިނަ ކައިވެނިތަކެއް ވަނީ ކޮށްފައެވެ.