އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައެޅުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެފިއެވެ.
މައްސަލަ ބަލައިގެންފައިވާ ކަމަށް ވިދާޅުވީ މިމައްސަލައިގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދެވެ. އެމްޑީޕީގެ ޕްރައިމަރީ އަލުން ބާއްވައިދިނުން އެދި ރައީސް ނަޝީދުގެ ފަޅިން ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވި އެމްޑީޕީގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ހާމިދު އަބްދުލްގަފޫރެވެ.
ޕްރައިމަރީ ސައްޙަ ނޫންކަމަށް ކަނޑައެޅުމަށް ކޯޓުގައި އެދިފައިވާއިރު، ރައީސް ނަޝީދުގެ ފަރާތްޕުޅުންވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އިންތިޚާބާއި މެދު ސުވާލު އުފައްދަވާ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ގިނަ ޝަކުވާތަކެއް އިންތިޚާބީ ކޮމިޓީއަށްވެސް ހުށައަޅާފައެވެ. ނަމަވެސް އެކޮމިޓީން މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.
Of the three cases we submitted to court on behalf of petitioners who wished to challenge the legality of MDP leadership’s actions in disenfranchising 39,911 members ahead of the party primary, one case has now been registered.
— Dhiyana ?🌹 (@dhiyanasaid) February 20, 2023
ނަޝީދުގެ ފަޅިން ހުށަހެޅި މި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. ޕްރައިމަރީއާ ގުޅިގެން ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައިގެންފައިވާ ކަން ދިޔާނާ ހާމަކުރެއްވީ ޓްވީޓާގައެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އޮތީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.