ރާއްޖޭގައި އަލަށް އިތުރުވަމުން އަންނަ އެއަރޕޯޓުތަކާއެކު ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތްވެސް ހަރުދަނާވެ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މޯލްޑިވިއަން ހިނަގާ ކުންފުނި އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވާ ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ މޯލްޑިވިއަންގެ މަސައްކަތްތަކަކީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު މަސައްކަތެއްކަމަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަލަށް ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުތަކާއެކު ޤައުމީ އެއަރލައިންގެ މަސައްކަތްތައް އިތުރުވެ ބުރަބޮޑުވެގެންދާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު މޯލްޑިވިއަންގެ މުވައްޒަފުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ޚިދުމަތް ދެމުންގެންދާ ބައެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ވަކި ރައްޔިތަކަށް ބެލުމެއް ނެތި އޯގާތެރިކަމާއެކު ޚިދުމަތް ދޭން ޖެހޭކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓު ޝަރަފްވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ މިފަދަ ޙަފްލާތަކަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
"ސްޓާފް ނައިޓަކީ ވަރަށް މުހިއްމު ކަމެއް. މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރަން ޖެހޭނެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް އެއީ. މިކުންފުނީގައި 20 އަހަރު އަދި 40 އަހަރު ޚިދުމަތް ކުރައްވާ ބޭފުޅުން އެޚިދުމަތުގައި ދެމިތިއްބެވީ އެހެން ދާއިރާއަކުން ފުރުސަތު ނެތިގެން ނޫން. އެއީ ތަންދެކެވާ ލޯތްބެއްގެ ބޮޑުކަމުން." ނައިބު ރައީސް ވިދާޅުވިއެވެ.
ރޭ ބޭއްވި އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދީފައެވެ. އައިލޭންޑް އޭވިއޭޝަންގައި 1300 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ޚިދުމަތް ދެމުންނެވެ.