ޕްރައިވެޓް ސެކްޓަރ މޯބިލައިޒޭޝަން އިވެންޓްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މިއީ ދުނިޔޭގެ ދިރޭތަކެތީގެ މުއާހަދާގެ ދަށުން ދިރޭތަކެތި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދާދިފަހުން ކެނެޑާގެ މޮންޓްރިޔަލް ގައި ވެވުނު އެއްބަސްވެވުނު އަމާޒުތަކައް ވާސިލު ވުމަށް ފެށޭ މުހިންމު މަޝްވަރާ ތަކެއްގެ ފެށުމެވެ. މި އިވެންޓްގެ މައިގަނޑު އަމާޒަކީ ކުންމިންގް-މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ހަގީގަތަކަށް ހެދުމަށް ކުރުމަށް ކުރަންޖެހޭ ކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތައް ހޯދުމެވެ.
އަދި ސަރުކާރާއެކު ޕްރައިވެޓް ސެކްޓަރގެ އިތުރުން ސިވިލް ސޮސައިޓީގެ އެއްބާރުލުން މިކަމަށް ދެވޭނެ މަގުފަހިކުރުމާއެކު ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ހޯދުމެވެ. މި އިވެންޓްގެ ތެރެއިން ކުރިއަށްދިޔަ "ޕޭމެންޓް ފޯރ އިކޯސިސްޓަމް ސަރވިސެސް" ގެ ރައުންޑްޓޭބަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެފައި ވަނީ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންޑިންގ ހޯދުމަކީ އެ މަސައްކަތްތަކާއި ޚިދުމަތްތަކުން އެންމެ އެކަށޭނަ މަންފާ ދެމެހެއްޓެނިވިގޮތެއްގައި ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ފަތުރުވެރިކަން ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ކަނޑުފަޅުގެ ދިރުންތަކަށް ކަމަށްވާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްއިން ކުރާ ފައިދާ ވެސް ފާހަގަ ކުރެއްވިއެވެ. އަދި ގްރީން ޓެކުހުން ލިބޭ ފައިސާ ރާއްޖޭގައި ފަރުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ތައް ކުޑަކުރުމަށް ހޭދަކުރާ ގޮތްތަކާ ބެހޭ މައުލޫމާތު މިނިސްޓަރ ހިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި މާހައުލީ ނިޒާމްތަކާއި ދިރުންތައް ހިމާޔަތްކުރުމަށް މިހާތަނަށް ކުރަމުންދާ އަދި ކުރިއަށްއޮތްތާގައި ކުރާނެ ކަންތައްތަކަށް މިނިސްޓަރ ޝައުނާ އަލިއަޅުވާލެއްވިއެވެ. މިގޮތުން 79 ސަރަހައްދެއް މިހާރު ދިވެހިރާއްޖޭގައި ތިމާވެށި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާއިރު މިސަރަހައްދުތަކުން %13 ފަރުގެ ސަރަހައްދުވަނީ ހިމާޔަތްކޮށްފައެވެ.
ގިނަގައުމުތަކަކުން މިނިސްޓަރުން ބައިވެރިވި މި އިވެންޓަށްފަހު ބަކިންގްހަމް ޕެލެސްގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް III އިންތިޒާމުކުރެއްވި ޚާއްސަ ފަރިއްކޮޅުގައި ވެސް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.