ޔޫ.އޭ.އީއަކީ ދެމެހެއްޓެނިވި އަދި އިތުބާރުކުރެވޭ ރަޙުމަތްތެރިއެއްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ކޮޕް 28 ގެ ރައީސް، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މަސްދަރުގެ ޗެއަރމަން އަދި ޔޫ.އޭ.އީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް މިއަދު މެންދުރުފަހު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޮޕް 28 ގެ ރައީސްގެ މަޤާމަށް މިނިސްޓަރ ޑރ ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ޢައްޔަނުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ޤާބިލު ލީޑަރޝިޕާއި އިރުޝާދުގެ ދަށުން މި ކޮންފަރެންސަކީ ކާމިޔާބު ކޮންފަރެންސަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ޔޫ.އޭ.އީއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަކީ، ވަރަށް ޚާއްޞަ ގުޅުމެއްކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީއަކީ ދެމެހެއްޓެނިވި އަދި އިތުބާރުކުރެވޭ ރަޙުމަތްތެރިއެއްކަމަށާއި، ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއި، މައްސަލަތައް ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާހުރި ގޮތުގައި ރާއްޖެއާއި ޔޫއޭއީގެ ގާތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެ، ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަހަރަކީ ރާއްޖެއިން ޔޫ.އޭ.އީ އާއެކު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރެވެ.