އެމްޑީޕީ ޕީޖީ ގްރޫޕުގެ ނިންމުމާއި ދެކޮޅަށް ޑްރަގް ގެންނަ ބިދޭސީންގެ މައްސަލަ ބަލައިގަނެފި

އެމްޑީޕީ ޕީޖީ ގްރޫޕުގެ ނިންމުމާއި ދެކޮޅަށް ޑްރަގް ގެންނަ ބިދޭސީންގެ މައްސަލަ ބަލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2023 09:57
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފުރުވާ ލެވޭ ގޮތަށް ހަދާފައިވާ ގަވާއިދެއްގެ ބައިތައް އުނިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެން ބަހުސް ފަށައިފިއެވެ.

މިއަދު މިވޯޓު ނެގުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މިމައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ. މި މައްސަލަ މަޖީލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖީލީހުގެ ހެެެެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެެ. މައްސަލަ ބަލައި ގަތުމަށް ފާސްވީ 24 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރުންނެވެ.

މިމައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ނިންމުމާއި ގުޅިގެން ހަސަން ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިފަދަ މުހިންމު މައްސަލައެއް ބޭރުކޮށްލަން ނިންމި ނިންމުމަކީ ވަރަށް ހިތާމަ ހުރި ކަމެއްކަމަށެވެ.

ހަސަން ހުށަހެޅި މިމައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން މިހާތަނަށް އެކުލަވާލި ކޮންމެ މެނިފެސްޓޯއެއްގައިވެސް "މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން" އެއީ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ އެ ސިޔާސަތާ ދެކޮޅަށް އަދި މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު އެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ގެޒެޓްކުރާ މަންޒަރު ކަމަށެވެ.

މިމައްސަލާގައި ވަނީ ޕާޓީގެ ސިޔާސަތާ ދިމާ އިދިކީއްޔަށް، ސަރުކާރުން ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު، ބިރެއް ނެތި އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައި ކަމަށެވެ.

މި މަހުގެ ތެރޭ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވެއެވެ. އޭނާ އެތެރެކުރި 6.2 ކިލޯގެ މަގުމަތީ އަގުގައި 5.6 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތެވެ. އެ ގެނައި މީހާ ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އެމީހާ ފޮނުވާލާފައިވަނީ ގަވައިދަށް ރިއާޔަތްކޮށްގެން ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އަމަލުކުރީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ތަންފީޒީ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނީ ގާނޫނުން ކުށާއި އަދަބު ކަނޑައަޅައިފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އާ ތައާރުޒުވާ ބައިތައް އުނިކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.