އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެއްވަނައިގައި އޮތް އާސެނަލް އާ ފަރަގު ކުޑަކޮށްފިއެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން އިއްވި ޕްރިމިއާ ލީގުގެ ތީމް އެންތަމް އެޅުވި ވަގުތު ޕްރިމއާ ލީގާ ދެކޮޅަށް ދަނޑުގައި އިހްތިޖާޖް ކުރިއެވެ. އެކަންވީ ސިޓީގެ ކުޅުންތެރިންނަށް ލިބުނު ހިތްވަރަކަށެވެ.
ސިޓީން ހަތަރު ވަނަ މިނިޓްގައި ލީޑުނެގީ ރިޔާދު މާރޭޒް ނެގި ކޯނަރަކުން ރޮޑްރީ ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި ސިޓީން ލީޑުފުޅާކުރީ އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މާރޭޒްއެވެ. މިއީ އެސްޓަން ވިލާގެ ޖެކޮބް ރަމްސީ އޭރިއާތެރެއިން ސިޓީގެ ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ ގޯލެއް ޖަހައިފައެވެ. މެޗުގެ 61 ވަނަ މިނިޓްގައި ސިޓީގެ ބެނާޑޯ ސިލްވާ ހެދި ގޯހެއްގެ ފައިދާނަގައި، އެސްޓަން ވިިލާގެ އޮލީ ވަޓްކިންސް ވަނީ އެ ޓީމުގެ ޑަގްލަސް ލުއީޒް ދިން ބޯޅައަކުން ގޯލު ޖަހައިފައެވެ. އޭގެ ފަހުން ވެސް އެސްޓަން ވިލާ އިން ގޯލެއް ޖެހޭތޯ ރަނގަޅު އެޓޭކްތަކެއް ކުރިއެވެ.
އާސެނަލް އެއްވަނައިގައި އޮތީ 51 ޕޮއިންޓާއެކުއެވެ. ރޭ ގެ މެޗު ކާމިޔާބުކޮށް ސިޓީން ވަނީ 48 ޕޮއިންޓް މިހާރު ހޯދައިފައެވެ.
ކޮމެންޓު ފޮނުވާ