މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ނިންމާލީ ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީގޮތުން ހުޅުވައިދެއްވާފައި ވަނީ އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެއްކަމަކީ ޖަޒީރާ ވަންތަ ދިރިއުޅުންކަން ފާހަގަކުރައްވައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަން ލިބެމުންއައި ކުޑަބަނޑޮސް ވެސް މީގެ 10 ވަރަކަށް އަހަރުކުރިން އޭރުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އެރަށް އަތުލައި އެރަށަށް ދިވެހިންނަށް ނުދެވޭގޮތް ހަދާފައިވާކަން ފާހަގަކުރެއްވިއެވެ.
ކުޑަގިރި ހިއްކުމާއި، ކުޑަގިރީގެ ބީޗްތައް ހަދާ ރަށުގެ މައި ޖެޓީ ހެދުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. ކުޑަގިރިއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ތަރައްޤީކުރި އިންޖީނުގޭގެ މަސައްކަތް ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އަދި ރަށުގެ އެކި ސަރަޙައްދުތަކަށް ކަރަންޓު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯއިންނެވެ. ރަށުގެ ކުނި މޭނެޖްކުރުމުގެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ ކުޑަގިރި އަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ބައުދެއްކަމަށެވެ. ނަމަވެސް ދައުރު ނިމެން މަދު ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް އެތައް ހުޅުވީ ދައުލަތުގެ ހަތަރު ކުންފުންޏެއް ބަނގުރޫޓްކޮށްގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ މިސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރާއި ހުރި ތަފާތު ހުޅުމާލޭ ފޭސް ދޭކުން އެކަނިވެސް ފެންނާނެކަމަށެވެ.
އެ ކުޑަގިރިއަކީ ރައީސް ޞާލިހުގެ ރިޔާސީ ވަޢުދެއް. ދައުރު ނިމެން މަސްކޮޅަކަށް ވެފައިހުއްޓާ ދަޢުލަތުގެ 4 ކުންފުނި ބަނގުރޫޓުކޮށްގެން އެރަށް ނިންމީމާ ސޯލިހުގެ ސްލޯކަން ޔަޤީންކޮށްދޭ. ރައީސް ޔާމީން 5 އަހަރުތެރޭ ބޮޑުޝަހަރެއް ހިއްކާ 10 ހާސް އާއިލާއަށް ބޯހިޔާވަހިކަން ޔަޤީން ކޮށްދެއްވި.
– ޝިޔާމް ވިދާޅުވިއެވެ.
ކުޑަގިރި އަށް ބަންދު ދުވަސްތަކުގައި ހިލޭ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑްއާއި ކުޑަކުދިން ކުޅޭ ސަރަޙައްދާއި މިސްކިތާއި ޗޭންޖިން ރޫމާއި ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ މި ނޫންވެސް އެތައް ޚިދުމަތަކާއެކު ޢާއިލާއާ ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ހަމަ އެހެންމެ މިރަށުގައި ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތައް ހުރުމުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.