މިމަހު 11 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެފައިވާ، ޕިކްނިކް އައިލޭންޑް ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް މިއަދު ހަވީރު 4:00 އިން ފެށިގެން ބުކިން ހެދޭނެކަން ހާމަކޮށް، އެރަށުން ޚިދުމަތް ލިބޭނެ އަގުތަކާއި އިންތިޒާމްތައް އެޗްޑީސީން ހާމަ ކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހު، ކުޑަގިރި ޕިކްނިކް އައިލޭންޑް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހެވެ.
އެޗްޑީސީގެ ފަރާތުން މިއަދު ހެނދުނު، ކުޑަގިރިއާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޑިރެކްޓާ މާކެޓިން އެންޑް ސޭލްސް ނިއުޝާދު ޝަރީފް ވިދާޅުވީ، ކުޑަގިރި މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް މިއަދު ހަވީރު 4:00 އިން ފެށިގެން ބުނިން ހެދުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމުގައެވެ.
މިގޮތުން ފުރަދުވަހު އެރަށަށް ދިއުމަށް 300 ފަރާތަކަށް ބުކިން ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް 600 އާއި 500 އާއި ދެމެދުގެ އަދަދަކަށް އެރަށް ދިއުމަށް ބުކިން ހެދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ ބުކިން ހަދާއިރު އޮންލައިންކޮށް ފައިސާ ދެއްކޭއިރު، ބޭނުންވާނީ އެރަށް ދާފަރާތްތަކުގެ އައިޑީކާޑު މައުލޫމާތު ކަމުގައެވެ.
ބުކިން ނަހަދާ ކުޑަގިރިއަށް އެރުވުމުގެ ފުރުސަތު ހުޅުވާލެވިފައެއް ނުވެއެވެ. ކުޑަގިރިއަށް ދާން ފަރާތްތަކަށް އަގު ކަނޑައަޅާފައިވަނީ ދިވެހިންނާއި ބިދޭސީންނަށް ތަފާތު އަގުތަކެކެވެ. އަދި ފަތުރުވެރިންނަށްވެސް ވަނީ ތަފާތު އަގެއް ކަނޑައަޅާފައެވެ. މިގޮތުން ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް އެރުމާއި ފެރީ ހިލޭ ހަމަޖެހިފައި ވާއިރު، ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް 50ރ. އަދި ފެރީއަށް 50ރ. ވަނީ ކަނޑައަޅާފައެވެ.
އެހެންނަމަވެސް އެޗްޑީސީން ހަމަޖައްސާފައިވަނީ ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ އެރަށަށް ދެވޭ ގޮތަށެވެ. ބަންދު ނޫން ދުވަސްތަކުގައި 2-11 އަހަރުގެ ކުދިންނަށް 25ރ. ގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ބިދޭސީންނަށާއި ފަތުރުވެރިންނަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، ބިދޭސީންނާއި ޓޫރިސްޓުންނަށް ކޮންމެ ދުވަހަކު ވެސް ކުޑަގިރިއަށް ދެވޭނީ ފީ ދައްކައިގެންކަމުގައި އެޗްޑީސީން ބުނެފައި ވެއެވެ. މިގޮތުން ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ކުޑަގިރިއަށް އެރުމަށް 75ރ. އަދި ފެރީއަށް 100ރ. ދައްކަން ޖެހޭއިރު، ޓޫރިސްޓުން ކުޑަގިރިއަށް އެރުމަށް 100ރ. އަދި ފެރީއަށް 150ރ. ދައްކަން ޖެހެއެވެ.
ފެރީގެ އަގުތައް ކަނޑައަޅާފައިވަނީ ދެކޮޅު ދަތުރު ހިމެނޭ ގޮތަށެވެ.
އެޗްޑީސީން ބުނެފައިވަނީ ކުޑަގިރި ޕިކްނިކް އައިލެންޑްގައި ހަތް ބީޗާ އެކު ހަޓުތައް އަދި ދޮންވެލި ތުނޑިއެއް އޮންނާނެ ކަމުގައެވެ. އޭގެ އިތުރުން ރެކްރިއޭޝަން ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ފުރުސަތު ފަހިކުރެވިފައިވާއިރު، މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކާއި މިސްކިތަކާއި ކްލިނިކެއްގެ އިތުރުން ފިހާރަ، ކެފޭ/ރެސްޓޯރަންޓްވެސް ވަނީ މިރަށުގައި ގާއިމް ކުރެވިފައެވެ.
އޭގެ އިތުރުން އަންހެން/ފިރިހެން ޗޭންޖިން ރޫމްތަކާއި، ޕްރައިވެޓް ރޫމްތައްވެސް މިރަށުގައިވަނީ ގާއިމް ކޮށްފައެވެ. މިރަށް ދަތުރު ދާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކާން ނުޖެހޭއިރު، ދަތުރުދާ ފަރާތްތަކުން ފީއެއް ދައްކާން ޖެހޭނީ ހަޓް ބުކިންއަށެވެ.
މިރަށް ބެލެހެއްޓުމަށް ސީސީޓީވީ 40 އަށް ވުރެން ގިނަ ކެމެރާ ހަރުކޮށްފައި ވެއެވެ.
One Response
އައިޑީ ކާޑު ނަމްބަރު ހޯދަނީ ޕާޓީއައް މީހުން އިތުރު ކުރަންތޯ ނަމާ އެޑުރެސް ބުނެގެންވެސް ވާންޖެހޭނެ