އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ދީފައިވާ ކަރަންޓުގެ ޚިދުމަތުން ނަގާ އަގު ކުޑަކުރުމަށް، ސްޓެލްކޯއިން ނިންމައިފިއެވެ.
މިއަދު އޮތް ނުސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިކަމަށްތަކައި މިހާރު ކަރަންޓު ޓެރިފްގެ ތެރެއަށް އިޖުތިމާޢީ ކެޓަގަރީއެއް އިތުރުކުރުމަށް މަޝްވަރާކުރަމުންއަންނަކަމަށެވެ. އިޖުތިމާޢީ ޚިދުމަތްދޭ ތަންތަން މިހާރު އޮންނަގޮތުން ކެޓަގަރީކޮށްފައި އޮންނަނީ ވިޔަފާރި ޓެރިފްގެ ތެރޭގައެވެ.
އެހެންކަމުން އެއްވެސް އާމްދަނީއެއް ނުލިބޭ މިފަދަ ތަންތަނުން ކަރަންޓަށް ކުރަންޖެހިފައި އޮންނަ ހޭދައިގެ ބޮޑުކަމަކީ ތަކުލީފެކެވެ. މިކަން ޙައްލުކުރުމށް ސްޓެލްކޯއިން އަޅާ ފިޔަވަޅުގެ މަޢުލޫމާތު ތަފްސީލްކޮށްދެއްވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ވިސްނުން މިހާރު ހުރީ އާމްދަނީ ނުލިބޭ އާންމު ޚިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ ފީއަށް ހެޔޮ ބަދަލު ގެނައުމަށްކަމަށެވެ.
އެގޮތުން މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތަކާއި މަގުތައް އަލިކުރުމަށް ޖަހާފައި ހުންނަ މަގުބައްތިފަދަ ކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫންކަމަށްވާތީ އެފަދަ ދާއިރާތަކުން އެހެންވީމާ ކަރަންޓަށް ނަގާ އަގު ކުޑަކުރަން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.