ދަށުކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެ ސީދާ ދުވަހެއް ވިދާޅުވާން ނޭނގުނަސް އަންނަ މާޗްމަހު އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގަންނަވާނެކަމަށް ބެލޭ ކަމުގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ވ.އާރަށް ކުށްޔަށް ދޫކުރުމަށް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވިކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ޙުކުމް އިސްތިއުނާފުކުރުމާ ގުޅޭގޮތުން މިއަދު އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށް އެކޯޓުން މައްސަލަ ބެލުމަށްފަހު މާޗު މަހުގެ ތެރޭގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ބެލެވޭކަމުގައެވެ. ޑރ.ޖަމީލް ވިދާޅުވީ ދަށުކޯޓު މަރުޙަލާއަށްވުރެ ހައިކޯޓުގެ މަރުޙަލާގެ ޝަރިޢަތް އަވަސްވާނެކަމަށެވެ.
ރައީސް ޔަމީނަކީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެކޯލިޝަނުން ކަނޑައަޅާފައިވާ ރިޔާސީ ކެންޑިޑޭޓެވެ. ދަށުކޯޓުގެ ޙުކުމާއެކު މިވަގުތު އެމަނިކުފާނަށް ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ.
އިންތިޚާބަށް ކެންޑީޑޭޓުން ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23އިން އޮގަސްޓު 3އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ޢިއުލާންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ