ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދިޔައިރު ހުށަހަޅުނީ ޖުމްލަ 60 ޝަކުވާ: އެމްޑީޕީ

ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދިޔައިރު ހުށަހަޅުނީ ޖުމްލަ 60 ޝަކުވާ: އެމްޑީޕީ

Author
ހުސެއިން
29 ޖެނުއަރީ 2023 05:23
0

އިއްޔެ ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިޔަށް ދަނިކޮށް ހުށަހެޅިގެން ދިޔައީ ޖުމްލަ 60 ޝަކުވާއެއް ކަމުގައި އެމްޑީޕީގެ އިންތިޚާބީ ކޮމިޓީން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި، އެޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ޗެއަރޕާރސަން އިބުރާހިމް ވަހީދު (އިބުރޭ) ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު އިންތިޚާބަކީ ވަރަށް އިންސާފުވެރިކޮށް ކުރިޔަށްދިޔަ އިންތިޚާބެއް ކަމުގައެވެ. މިގޮތުން ދެތިން ރަށެއްގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިނަމަވެސް އިބުރޭ ވިދާޅުވީ އެ ރަށްރަށުގައިވެސް ޖެހުނު މައްސަލަތައް ހަލުކޮށް ވޯޓުލުން ކުރިޔަށް ގެންދެވިފައި ވާކަމުގައެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން އިބުރޭ ވިދާޅުވީ ޝަކުވާ ހުޅަހެޅުމަށް ހުޅުވާލެވިފައިވާ ޕޯޓަލްއަށް ހުށަހެޅުނީ 50 ޝަކުވާ ކަމަށާއި، އަދި ފޯނަށް ލިބުނީ އެންމެ 10 ޝަކުވާ ކަމަށެވެ. ހުށަހެޅުނު ޝަކުވާތަކާއި ގުޅޭގޮތުން އިންތިޚާބު ކޮމިޓީގެ މެމްބަރު އަނަސް ވިދާޅުވީ، ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި މުއްދަތު ހަމަވުމާއި ގުޅުހުރި ޝަކުވާތައް ހިމެނޭ ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާހަގަ ކުރި ކަންކަން، ރަސްމީ އެއްވެސް ޗެނަލެއް މެދުވެރިކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމުގައެވެ.

އޭނާ ވިދާޅުވީ މި 50 ޝަކުވާގެ ތެރެގައިވެސް ބޮޑަށް ހިމެނިގެން ދިޔައީ މެމްބަރުންގެ ނަން ނެތުން ކަހަލަ ބައެއް ޝުކުވާތަކެއް ކަމުގައެވެ.

މިއަދި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޚާބާބެހޭ ކޮމިޓީން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާވެސް އިއުލާން ކޮށްފައެވެ. ކޮމިޓީން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާގޮތުން ރައީސް ސާލިހަށް އިއްޔެގެ އިންތިޚާބުގައި ލިބިލެއްވީ 24،573 ވޯޓެވެ. ރައީސް ސާލިހާއި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިލެއްވީ 15،631 ވޯޓެވެ.

އިންތިޚާބާބެހޭ ކޮމިޓީން އާންމު ކުރި ވަގުތީ ނަތީޖާގައި ވާގޮތުން މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 40887 މެމްބަރުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުން 71.41 އިންސައްތަ މީހުންނެވެ.

މި އިންތިޚާބުގައި 680 ބާތިލް ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި ލާފައިވަނީ 40،207 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސާލިހުއަށް ލިބިލެއްވީ 61.10 އިންސައްތަ ވޯޓެވެ. ނަޝީދަށް ލިބިލެއްވީ 38.9 އިންސައްތަ ވޯޓެވެ.

މިއަދުގެ ޕްރެސްގައި އިބުރޭ ވިދާޅުވީ މި އިންތިޚާބުގެ ތެރެއަށް އެހެން ބައެއް ޕާޓީތަކުގެ މެމްބަރުން ވަދެ ވޯޓުލުން ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އަދި ފުލުހުންގެ ބޭނުން ކޮށްގެން އެފަދަ ފަރާތްތައް ވޯޓުލާ މަރުކަޒުން ނެރެން ޖެހުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.