މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެކްޒިޓް ޕޯލްތައް ދައްކާގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް 64 އިންސައްތަ ވޯޓު ލިބޭނެ ކަމުގައި، މި އިންތިޚާބުގައި ނަޝީދުގެ އޭޖެންޓުކަން ކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅު ވެއްޖެއެވެ.
ހަސަން ލަތީފް ކުރެއްވި ޓުވީޓުގައި ވަނީ ނަޝީދަށް މަރުހަބާވެސް ދަންނަވާފައެވެ.
އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ރައީސް މުޙައްމަދު ނަޝީދު %64.7 އާއެކު އޮތީ ކުރީގައި. الحمد لله. ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރައްވައިފި.
— Hassan Latheef🎈 (@HassanLatheef) January 28, 2023
ކުރިޔަށްދާ ޕްރައިމަރީގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ނަޝީދަށް ކުރި ލިބޭކަމަށް ދައްކާކަމަށް ހަސަން ލަތީފު ވިދާޅުވި ނަމަވެސް އެއީ ކޮންފަރާތަކުން ހަދާފައިވާ އެގްޒިޓް ޕޯލްއެއްކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
އަދި ފާއިތުވެދިޔަ ދުވަސްތަކުގައި، ރާއްޖޭގެ ގިނަ ނޫސްތަކުން ހަދާފައިވާ ޕޯލްތަކުން ކުރި ހޯއްދަވާފައި ވަނީވެސް ރައީސް ސާލިހެވެ.
އެމްޑީޕީގެ އެންމެ އިސް ދެލީޑަރުން ވާދަކުރާ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެމްބަރުން މިހާރުދަނީ ވޯޓު ލަމުންނެވެ. އެހެންނަމަވެސް ވޯޓު ލުމުގައި ބޮޑެތި މައްސަލަތައް ދިމާވެ، ދަނީ ބޮޑެތި ހަމަނުޖެހުންވެސް ހިގަމުންނެވެ. އެއާއެކު، ބައެއް ރަށްތަކުގައި ހިގަމުންދާ ހަމަނުޖެހުންތަކުގައި ޕާޓީގެ މެމްބަރުން ވޯޓު ފޮށިތައް ފަޅަމުން ދާރީ، ޕާޓީންވަނީ ވޯޓު ފޮށިތައް ނުފެޅުމަށްވެސް އިލްތިމާސް ކޮށްފައެވެ.
އެމްޑީޕީން ބުނެފައިވަނީ މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމުގައެވެ.
އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާކަމަށްވެސް އެމްޑީޕީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
މިއަދު ކުރިއަށްދާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރަން.
— MDP Secretariat (@MDPSecretariat) January 28, 2023
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި، ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން، ލިސްޓުގައި ނެތް މީހުންނަށް ވޯޓު ލާން ފުރުސަތު ދިނުމާއި އަދި ދައްކައިގެން ވޯޓުލަމުންދާ ކަމުގެ ތުހުމަތުގައި، ނަޝީދުގެ ސަޕޯޓަރުން ދަނީ ގިނަ ރަށްރަށުގައި ހަމަނުޖެހުން ހިންގަމުންނެވެ.
މިގޮތުން ގދ. ތިނަދޫއާއި އަދި ރަތަފަންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ފަޅާލި މީހުން މިހާރު ފުލުހުންވަނީ ހައްޔަރުވެސް ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރަތަފަންދޫގައި ބަހައްޓާފަހުރި ވޯޓު ފޮއްޓެ ފަޅާލި 2 މީހަކާއި އަދި ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފަހުރި ވޯޓު ފޮށި ފަޅާލި ކަމުގައި ތުހުމަތު ކުރެވޭ އެކެކެވެ.
ތިނަދޫއާއި ރަތަފަންދޫގައި ވޯޓު ފޮށިތައް ފަޅާލާފައިވާއިރު، ގދ. ގައްދޫގައި، ވޯޓުލާ ސަރަހައްދަށް ބޮޑީ ކެމެރާ ވައްދައިގެން ވޯޓު ލާން ފެށުމުން، އެރަށުގައި ތިބި ނަޝީދުގެ ސަޕޯޓަރުންވަނީ ވޯޓު ކަރުދާސްތައް ވީދާލާއި، ވޯޓު ފޮށިތައް ފުނޑާލާފައެވެ.
ޚަބަރު އޮންލައިނަށް އެރަށުން މައުލޫމާތު ދިންގޮތުގައި ގައްދޫގައި ހަމަ ނުޖެހުން އުފެދުނީ ރައީސް ސާލިހަށް ތާއިދުކުރާ ފަރާތްތަކުން، ލާ ވޯޓުތައް ފޮޓޯ ނެގުމަށް ބޮޑީ ކެމެރާ ވައްދާ ވޯޓު ފޮއްޓަށް ލާ ވޯޓު ފޮޓޯ ނަގަން ފެށުމާއި ގުޅިގެންނެވެ.
އަދި މިމައްސައާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހައްލު ނުވުމާއެކު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންވަނީ ވޯޓުލާ މަރުކަޒުތެރެއަށް ވަދެގަނެ، މޭޒުތައް ފުނޑާލާ އަދި ވޯޓު ކަރުދާސްތައްވެސް ވީދާ ހަދާލާފައެވެ.