ވޯޓު ފޮށިތައް ނުފެޅުމަށް އެމްޑީޕީން އިލްތިމާސް ކޮށްފި

ވޯޓު ފޮށިތައް ނުފެޅުމަށް އެމްޑީޕީން އިލްތިމާސް ކޮށްފި

Author
ހުސެއިން
28 ޖެނުއަރީ 2023 04:44
0

މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި، ގިނަ ރަށްތަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް އެޕާޓީގެ މެމްބަރުން ފަޅަމުންދާތީއާއި އަދި ގިނަ ރަށްރަށުގައި ހަމަނުޖެހުން ހިންގަމުން ދިއުމާއި ގުޅިގެން، ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ދާދި ދެއްމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމުގައެވެ.

އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާކަމަށްވެސް އެމްޑީޕީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި، ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން، ލިސްޓުގައި ނެތް މީހުންނަށް ވޯޓު ލާން ފުރުސަތު ދިނުމާއި އަދު ދައްކައިގެން ވޯޓުލަމުންދާ ކަމުގެ ތުހުމަތުގައި، ނަޝީދުގެ ސަޕޯޓަރުން ދަނީ ގިނަ ރަށްރަށުގައި ހަމަނުޖެހުން ހިންގަމުންނެވެ.

މިގޮތުން ގދ. ތިނަދޫއާއި އަދި ރަތަފަންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ފަޅާލި މީހުން މިހާރު ފުލުހުންވަނީ ހައްޔަރުވެސް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރަތަފަންދޫގައި ބަހައްޓާފަހުރި ވޯޓު ފޮއްޓެ ފަޅާލި 2 މީހަކާއި އަދި ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފަހުރި ވޯޓު ފޮށި ފަޅާލި ކަމުގައި ތުހުމަތު ކުރެވޭ އެކެކެވެ.

ތިނަދޫއާއި ރަތަފަންދޫގައި ވޯޓު ފޮށިތައް ފަޅާލާފައިވާއިރު، ގދ. ގައްދޫގައި، ވޯޓުލާ ސަރަހައްދަށް ބޮޑީ ކެމެރާ ވައްދައިގެން ވޯޓު ލާން ފެށުމުން، އެރަށުގައި ތިބި ނަޝީދުގެ ސަޕޯޓަރުންވަނީ ވޯޓު ކަރުދާސްތައް ވީދާލާއި، ވޯޓު ފޮށިތައް ފުނޑާލާފައެވެ.

ޚަބަރު އޮންލައިނަށް އެރަށުން މައުލޫމާތު ދިންގޮތުގައި ގައްދޫގައި ހަމަ ނުޖެހުން އުފެދުނީ ރައީސް ސާލިހަށް ތާއިދުކުރާ ފަރާތްތަކުން، ލާ ވޯޓުތައް ފޮޓޯ ނެގުމަށް ބޮޑީ ކެމެރާ ވައްދާ ވޯޓު ފޮއްޓަށް ލާ ވޯޓު ފޮޓޯ ނަގަން ފެށުމާއި ގުޅިގެންނެވެ.

އަދި މިމައްސައާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހައްލު ނުވުމާއެކު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންވަނީ ވޯޓުލާ މަރުކަޒުތެރެއަށް ވަދެގަނެ، މޭޒުތައް ފުނޑާލާ އަދި ވޯޓު ކަރުދާސްތައްވެސް ވީދާ ހަދާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.