ބިދޭސީންނަށް ދިގު މުއްދަތަކަށް ވިސާ ލިބޭ އިޞްލާހު ރައީސް ތަސްދީގު ކުރައްވައިފި

ބިދޭސީންނަށް ދިގު މުއްދަތަކަށް ވިސާ ލިބޭ އިޞްލާހު ރައީސް ތަސްދީގު ކުރައްވައިފި

Author
މުޙައްމަދު ޖިމީ
25 ނޮވެމްބަރ 2020 03:42
0

ދިވެހިންނާއި ކައިވެވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި، 250،000 ވުރެ މަދު ނޫން އަދަދަކުން އިންވެސްޓްކުރާ ބިދޭސީންނަށް ދިގު މުއްދަތަކަށް ވީޒާ ދެވޭނެގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީްްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސދީގު ކުރެއްވި އިޞްލާހުގައި ވަނީ، ވާރކް ޕާރމިޓްގެ މައްޗަށް ބިނާކޮށް، ވާރކް ވީޒާއަށް އެދޭ ފަރާތްތަކަށް، އިތުރު ފީއެއް ނުވަތަ ޝަރުޠަކާ ނުލައި، ވާރކް ވީޒާ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ދޫކުރަންވާނެކަމަށާއި، އެހެންނަމަވެސް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި ރިޢާޔަތްކޮށް ވާރކް ވީޒާ ދޫނުކުރުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާކަމަށެވެ. އަދި ބިޒްނަސް ވީޒާއާއި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ދޫކުރާ ހުއްދައިގެ މައްޗަށް ބިނާކޮށް އިތުރު ޝަރުޠަކާ ނުލައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަމަށާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ވީޒާތައް ދޫނުކުރުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާކަމަށް އިޞްލާހުގައިވެއެވެ.

މީގެ އިތުރުން، ބިޒްނަސް ވީޒާއާއި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާއި، އެ ވީޒާތަކުގެ މުއްދަތު އިތުރުކުރުމާއި، ވީޒާތައް ބާޠިލްކުރުމާގުޅޭ އެންމެހާ އުސޫލުތައް، ޤާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސް ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށްވެސް އިޞްލާހުގައިވެއެވެ. އަދި ބިޒްނަސް ވީޒާއާއި، ކޯޕަރޭޓް ރެސިޑެންޓް ލީޒާގެ ގަވާއިދު، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި، އެކުލަވާލައި ޢާންމުކުރަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން މިހާރު ހެދިފައި ހުރި ގަވާއިދުތަކަށް، 14 ސާދަ ދުވަހުގެ ތެރޭގައި އެ ބަދަލެއް ގެނެސް އިޞްލާޙުކޮށް ޢާންމުކުރަންވާނެކަމަށްވެސް އިމިގްރޭޝަން ޤާނޫނަށް ގެންނަން އިޞްލާހުގައިވެއެވެ.

މަޖިލީހުން ފާސްކުރި އިތުރު އިޞްލާޙުތަކުގެ ތެރޭގައި، ވާރކް ވީޒާއަކީ،ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާއަދާކުރުމަށް އަންނަ ބިދޭސީއަކަށް، އޭނާ ރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދަ ކަމުގައިވާ ވާރކް ޕާރމިޓަށް ބިނާކޮށް، ވާރކް ޕަރމިޓްގެ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެއް ކަމަށް ބުނެފައިވެއެވެ. އަދި ރެސިޑެންޓް ވީޒާއަކީ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ޙާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ޙާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެއްކަމަށާއި، މި ޙާލަތްތައް ނިމުމަކަށް އަތުވެއްޖެނަމަ، އެފަރާތްތަކަށް ރާއްޖޭގައި ހުރުމަށް ދޫކުރެވިފައިވާ ރެސިޑެންޓް ވީޒާ ކެންސަލްވާނެކަމަށްވެސް އިޞްލާހުގައިވެއެވެ.

ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީން އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ޙާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ޙާލަތުގައި، ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދޫކުރާ ރެސިޑެންޓް ވީޒާ ކޮންމެ 5 އަހަރަކުން އާ ކުރަންވާނެކަމަށާއި، އެހެންނަމަވެސް، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފަރާތްތަކުގެ ތެރެއިން އަލަށް ރެސިޑެންޓް ވީޒާއަށް އެދި ހުށަހަޅާ ފަރާތެއްނަމަ، ފުރަތަމަ ފަހަރު 1 އަހަރު ދުވަހުގެ މުއްދަތަށް އެފަރާތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދޫކުރަންވާނެކަމަށްވެސް އިމިގްރޭޝަން ޤާނޫނަށް ގެނެސްފައިވާ އިޞްލާހުގައިވެއެވެ.

ރެސިޓެންޑް ވީޒާ ދޫކުރުމުގެ އުސޫލުތައް، ގަވާއިދުގައި ބަޔާންކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި، އެކުލަވާލައި ޢާންމުކުރަންވާނެކަމަށާއި، މީޓިންގ ވީޒާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ޤަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެއްކަމަށްވެސް މި އިޞްލާހުގައިވެއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، ދިވެހިރާއްޖޭގެ ބެންކެއްގައި މަދުވެގެން 250,000 ދެލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު 5 އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި އަދި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެއްކަމަށާއި، މި ޙާލަތްތައް ދެމިއޮތްނަމަ، އެފަރާތްތަކަށް ދޫކުރާ ކޯޕަރޭޓްރެސިޑެންޓް ވީޒާ ކޮންމެ 5 އަހަރަކުން އައު ކުރަންވާނެކަމަށްވެސް އިމިގްރޭޝަން ޤާނޫނަށް ގެންނައި އިޞްލާހުގައިވެއެވެ.

މި ބިލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.