އައްޑޫ ހަންކެޑެ ޓުއަރިޒަމް ޕްރޮޖެކްޓުގެ ކޮންސެޕްޓް ޑިޒައިން އާންމުކޮށްފި

އައްޑޫ ހަންކެޑެ ޓުއަރިޒަމް ޕްރޮޖެކްޓުގެ ކޮންސެޕްޓް ޑިޒައިން އާންމުކޮށްފި

Author
ހުސެއިން
27 ޖެނުއަރީ 2023 12:00
0

މި ސަރުކާރުން އައްޑޫގައި ޓުއަރިޒަމް ތަރައްގީ ކުރުމަށް ވައުދުވެފައިވާ 8 ހާސް އެނދު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ހަންކެޑެ ޓުއަރިޒަމް ޕްރޮޖެކްޓްގެ ކޮންސެޕް ޑިޒައިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން މިއަދު އާންމު ކޮށްފިއެވެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން، މި ޕްރޮޖެކްޓުގެ ފޮޓޯތަކާއެކު، "ހަންކެޑެ އިންޓެގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓް" ތައާރަފް ކުރަމުން މިއަދު ހެނދުނު ކުރީ ޓުވީޓެއްގައި ބުނެފައިވަނީ މި ޕްރޮޖެކްޖަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އަލުން ދިރުމެއް ގެނުވާނެ މަޝްރޫއެއް ކަމުގައެވެ.

އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫއެއް ކަމަށްވެސް ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ކޮންސެޕްޓް ތައާރަފް ކުރަމުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން ކުރި ޓުވީޓުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ދަށުން އެކޮމޮޑޭޝަންގެ ގިނަ އޮޕްތަކާއެކު 1041 ކޮޓަރި ތަރައްގީ ކުރެވިގެން ދާނެ ކަމުގައެވެ. އަދި މި ކޮޓަރިތައް ތަރައްގީ ކުރެވިގެންދާނީ މުޅިން ތަފާތު ޑިޒައިންތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން ހަންކެޑް ޕްރޮޖެކްޓުގެ ޑިސައިން ކޮންސެޕްޓް އާންމު ކޮށްފައިވާއިރު، ރޭ އައްޑޫ ސިޓީގައި ބޭއްވުނު ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އައްޑޫ ސިޓިގައި 236 ހެކްޓަރުގެ ބިން ހިއްކާ، 5 ރިސޯޓު ގާއުމްކުުރުމުގެ އަމަލީ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ. އޭގެ އިތުރުން ހަންކެޑެ މަޝްރޫޢުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި، ފައިސާ ހޯދި، އެ މަސައްކަތް އަމަލީގޮތުން ފެށުމަށް މިވަގުތު ތައްޔާރު ވަމުންދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމަށް އަޅުގަޑުމެން ކުރާ މަސައްކަތުގައި 236 ހެކްޓަރި އިތުރުކޮށް، އައްޑޫ ސިޓިގައި 5 ރިސޯޓު ގާއިމް ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް އިރާދަ ކުރެއްވިއްޔާ ފެށިގެން މިހާރު ކުރިޔަށް އެދަނީ. އަދި ހަންކެޑެގެ މަޝްރޫޢުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި އެއަށް ބޭނުންވާ ފައިސާވެސް ހޯދި އެމަސައްކަތް އަމަލީގޮތުން ފެށުމަށް މިވަގުތު ތައްޔާރު ވަމުން އެދަނީ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަންކެޑޭގައި އަޅާ 1000 ކޮޓަރިއާއެކު އައްޑޫ ސިޓީއަށް ވީ 8،000 އެނދުގެ ވައުދު ފެދެމުންދާތަން ފެންނަމުން ދާނެކަމުގައެވެ.

އޭގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ސަރުކާރުން ދޫކޮށްލުމަށް ކުރާންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ އެ ރިސޯޓުގެ ވެރިންނަށް މިހާރު އެކަން އަންގާފައިވާ ކަމުގައެވެ. ރައީސް ސާލިހު ވިދާޅުވީ ކުރިޔަށް އޮތް އޮގަސްޓު ސެޕްޓެމްބަރުގައި އެތަން ހުޅުވޭ ވަރުވާނެކަމަށެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ 2008، އަދި 2018ގަ ކަން ވެގެންދިޔަ ގޮތްވެސް ފެންނާން އެބައޮތް ކަމަށާއި، ޕްރައިމަރީގައި ކެނޑިޑޭޓަކު ނެގުނުނަމަވެސް ވެރިކަން ދެމެހެއްޓުމަށް އިތުރު މަރުހަލާއަކަށް ދާންޖެހޭ ކަމުގައެވެ. މިގޮތުން ފާއިދުވެދިޔަ އެތައް އަހަރެއްގައި ކުރަން ފެށި މަސައްކަތްތައް މިއަދު ގެއްލުވާލައިގެން ނުވާނެކަމަށް ވިދާޅުވަމުން، އައްޑޫގެ ރައްޔިތުން މި ޕްރައިމަރީގައި އެމްޑިޕީއާއެކު ކުރިޔަށް އަދި މުޅި ރާއްޖެއާއި އެކީ ކުރިޔަށް ދިއުމަށް ރާއްވަވާފައި ޕްލޭންތަކަށް ތާއިދުކޮށް ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫ ހަންކެޑެ ރިސޯޓު ޕްރޮޖެކްޓުގެ ޑިޒައިން އާންމު ކޮށްފައިވާއިރު މާދަމާ ބޭއްވުމަށް ހަމަޖެހިގައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އެ ޕާޓީގެ ދެ ލީޑަރުންގެ މެދުގައިވަނީ ވަރަށް ބޮޑުވެފައެވެ. އަދި މި ކެމްޕޭންގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން އިއުލާން ކުރަމުންދާއިރު ނަޝީދުގެ ކެމްޕޭނުން ބުނަމުންދަނީ އެ ކަންކަމަކީ ކެމްޕޭނާއި ދިމާކޮށް ކުރަމުންދާ "ކަޑަ ޖެހުމުގެ" މަސައްކަތްތަކެެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.